Election Commission of Maldives

ނޫސް ބަޔާން

03 އޮކްޓޯބަރ 2018, 12:00 ނޫސް ބަޔާން

ނޫސް ބަޔާން

ތިރީގައި މިދަންނަވާ، ރައްޔިތުންގެ މަޖިލީހުގެ 6 (ހައެއް) ދާއިރާއެއްގެ ބައި-އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މީގެކުރިން ނިންމި ނިންމުންތައް، 2018 އޮކްޓޯބަރ 03 ވަނަ ދުވަހު ބޭއްވި ކޮމިޝަނުގެ 442 ވަނަ ޖަލްސާއިން ބާޠިލްކުރުމަށް ނިންމައިފީމެވެ.

އެގޮތަށް ކޮމިޝަނުން ނިންމާފައިވަނީ، އެ މެންބަރުންގެ ގޮނޑި އާ ގުޅޭގޮތުން މިކޮމިޝަނުން ނިންމާފައިވާ ނިންމުން އަލުން މުރާޖަޢާ ކުރިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2018/SC-C/06 (18 ފެބްރުއަރީ 2018) ޤަޟިއްޔާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 74 ވަނަ މާއްދާގައިވާ ފަދައިން، ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމުގެ ޝަރުޠު މީހެއްގައި ހަމަވޭތޯ ނުވަތަ މެންބަރަކު މަޤާމުން ވަކިކުރާންޖެހިއްޖެތޯ ބެލުމުގައި ނުވަތަ މެންބަރުކަމުގެ ގޮނޑިއެއް ހުސްވެއްޖެކަމާމެދު ޚިލާފެއް އުފެދިއްޖެނަމަ، އެ މައްސަލައެއް ބަލައި ގޮތެއް ކަނޑައަޅާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަމަށް ބަޔާންކޮށްފައިވާތީ އާއި މި މައްސަލަތަކަކީ މިހާރުވެސް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި، ބަލަމުންދާ މައްސަލަތަކެއް ކަމަށްވާތީ، މި މައްސަލަތަކާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން، މިކޮމިޝަނުން މީގެ ކުރިން އެ މެންބަރުންގެ ބައި-އިލެކްޝަން ބާއްވަން ނިންމާފައިވާ ނިންމުން ބާޠިލް ކުރަން މިކޮމިޝަނަށް ޤަބޫލުކުރެވޭތީއެވެ.

  1. ރައްޔިތުން މަޖިލީހުގެ ތުލުސްދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު، އަލްއުސްތާޛު މުޙައްމަދު ވަޙީދު އިބްރާހީމް
  2. ރައްޔިތުން މަޖިލީހުގެ މަޑުއްވަރި ދާއިރާގެ ޢިއްޒަތްތެރި މެންބަރު، އަލްފާޟިލް މުޙައްމަދު އަމީތު އަޙްމަދުމަނިކު
  3. ރައްޔިތުން މަޖިލީހުގެ ވިލިނގިލީ ދާއިރާގެ ޢިއްޒަތްތެރި މެންބަރު، އަލްފާޟިލް ސައުދު ޙުސައިން
  4. ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާ ޢިއްޒަތްތެރި މެންބަރު، އަލްފާޟިލް އަލީ ޝާހް
  5. ރައްޔިތުން މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ ޢިއްޒަތްތެރި މެންބަރު، އަލްފާޟިލް ޢަބްދުﷲ ސިނާން
  6. ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު، އަލްފާޟިލް ސައުދުﷲ ޙިލްމީ

ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

 03 އޮކްޓޯބަރ 2018

23 މުޙައްރަމް 1440