Election Commission of Maldives

ރިޔާސީ އިންތިޚާބު 2018 - ނޫސް ބަޔާން

19 އޮގަސްޓް 2018, 12:00 ނޫސް ބަޔާން
އިލެކްޝަންސް ކޮމިޝަނުގެ ލޯގޯ ބޭނުންކޮށްގެން ވޯޓު ކަރުދާހުގެ ގޮތުގައި ބެލެވިދާނެފަދަ އެއްޗެހި ތައްޔާރުކޮށް އިޝްތިހާރު ކުރުމާ ބެހޭ

ނޫސް ބަޔާން 

2018 ސެޕްޓެމްބަރު 23 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބާ ގުޅިގެން، މި ކޮމިޝަނުގެ ލޯގޯ ބޭނުންކޮށްގެން ވޯޓު ކަރުދާހުގެ ގޮތުގައި ބެލެވިދާނެފަދަ އެއްޗެއް ތައްޔާރު ކުރެވި ސޯޝަލް މީޑިޔާގައި ބޭނުންކުރަމުންދާކަން މިކޮމިޝަނަށް ފާހަގަކުރެވިފައިވާތީ ދަންނަވަމެވެ.

ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 74 ވަނަ މާއްދާގެ (ހ) ގެ 9 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން، އިލެކްޝަންސް ކޮމިޝަންގެ ހުއްދަނެތި ވޯޓުކަރުދާސް އުފެއްދުން ނުވަތަ ވޯޓުކަރުދާހުގެ ގޮތުގައި އިންތިޚާބުގައި ބޭނުންކުރެވިދާނެ އެއާ އެއްފަދަ އެއްޗެއް އުފެއްދުން، ނުވަތަ އެ މާއްދާގެ 13 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން އިންތިޚާބުގައި ވޯޓުކަރުދާސް ހުންނާނެ ގޮތާމެދު އިލެކްޝަންސް ކޮމިޝަން ފިޔަވައި، އެއްވެސް ފަރާތަކުން އިޢުލާނެއް ނުވަތަ އެއްވެސް ބާވަތެއްގެ އިޝްތިހާރެއް ކުރުމަކީ ޤާނޫނީ ކުށެކެވެ.

އިސްވެ ބަޔާންކުރެވުނު ފަދައިން، މި ކޮމިޝަނުގެ ލޯގޯ ބޭނުންކޮށްގެން ނުވަތަ އެނޫންވެސް އެފަދަ ގޮތަކަށް ވޯޓު ކަރުދާހުގެ ނަކަލުގެ ގޮތުގައި ބެލެވިދާނެފަދަ އެއްވެސް އެއްޗެއް ހަދައި، ބޭނުން ނުކުރުމަށް އަންގަމެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

08 ޛުލްޙިއްޖާ 1439

19 އޯގަސްޓް 2018