Election Commission of Maldives

ނޫސް ބަޔާން: 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅިގެން ސިޔާސީ ޕާޓީތަކުންނެރޭ ކެންޑިޑޭޓުންނަށް ތާޢީދުހޯދުމުގެ ގޮތުން ހިންގާ ސިޔާސީ ޙަރަކާތްތަކާއި ގުޅޭ

09 އޮގަސްޓް 2018, 12:00 ނޫސް ބަޔާން

ނޫސް ބަޔާން

2018 ސެޕްޓެމްބަރ 23 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބާ ގުޅިގެން ސިޔާސީ ޕާޓީތަކުންނެރޭ ކެންޑިޑޭޓުންނަށް ތާޢީދުހޯދުމުގެ ގޮތުން ހިންގާ ސިޔާސީ ޙަރަކާތްތައް، ޤާނޫނާއި ގަވާއިދުގެ ހުދޫދުގެ ތެރޭގައި ކުރިއަށް ގެންދެވުމަށް، ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތުގެ ހައިސިއްޔަތުން މިކޮމިޝަނުން އިލްތިމާސްކުރަމެވެ. މިގޮތުން ސިޔާސީ ޕާޓީތަކުން ތާޢީދު ހޯދުމަށް ބާއްވާ ޙަރަކާތްތަކުގައި އަންނަނިވި ކަންކަމަށް ނުކުރުމަށް ސަމާލުކަން ދެއްވުން އެދެމެވެ.

  1. ޤާނޫނު ނަންބަރު: 14/2013(ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު) ގެ 62 ވަނަ މާއްދާގައި ސިޔާސީ ޕާޓީއާއި ޖަމްޢިއްޔާތަކަށް ޢާންމު މެންބަރެއްގެ ޙައިޘިއްޔަތުން ނިސްބަތްވުން ފިޔަވައި، އެއިން ތަނެއްގެ މަސްޢޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެތަންތަނުން ހިންގާ އެހެން ޙަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤު، ޙުކުމެއް ތަންފީޒުކުރުމަށްޓަކައި ޖަލުގައި ބަންދުކުރެވިފައިވާ ހުންނަ މުއްދަތުގައި ލިބިގެންނުވާކަމަށް ބަޔާންކޮށްފައިވާތީ، ޖަލުގައި ޙުކުމެއް ތަންފީޒު ކުރަމުންދާ ފަރާތްތައް ބައިވެރިކޮށްގެން ސިޔާސީ ޕާޓީތަކުން ހިންގާ ތާޢީދު ހޯދުމުގެ ޙަރަކާތްތައް ކުރިއަށް ނުގެންދިޔުން.
  2. ސިޔާސީ ޕާޓީތަކުން، އިންތިޒާމުކޮށްގެން ބާއްވާ ބައްދަލުވުންތަކާއި ޙަރަކާތްތަކުގައި، ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައި ނުވާ ނަންތަކެއް، ޕާޓީއެއްގެ ގޮތުގައި ބޭނުން ކުރަމުންދާކަމަށް ކޮމިޝަނަށް ޝަކުވާ ލިބިމުންދާތީ، ދިވެހި ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިނުވާ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ނުވަތަ އެނޫންވެސް ހައިސިއްޔަތަކުން ރަޖިސްޓަރީ ކުރެވިފައިނުވާ ނަމެއް ބޭނުންކޮށްގެން ތާއީދު ހޯދުމުގެ ޙަރަކާތްތައް ނުބޭއްވުން.  
  3. ސިޔާސީ ޕާޓީއަކުން ތާޢީދު ހޯދުމަށް ބާއްވާ ޙަރަކާތްތަކުގައި އެހެން ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ ނިޝާން، ކުލަ ނުވަތަ އެ ޕާޓީއެއް ރަމްޒުކޮށްދޭ ތަކެތި އެ ސިޔާސީ ޕާޓީގެ ހުއްދަ ނެތި ބޭނުން ނުކުރުން. އަދި ސިޔާސީ ޕާޓީއަކުން ޖަލްސާތަކުގައާއި ތާއީދު ހޯދުމަށް ބާއްވާ ޙަރަކާތްތަކުގައި ބޭނުންކުރާ ކުލަ އެހެން ސިޔާސީ ޕާޓީއަކުން އެ ޕާޓީގެ ހުއްދައާއެކު ނޫންގޮތަކަށް ބޭނުން ނުކުރުން.

އަދި ޤާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުގެ ތެރެއިން ތާއީދު ހޯދުމަށް ބާއްވާ ޙަރަކާތްތަކަށް އަބަދުވެސް މިކޮމިޝަނުގެ ފުރިހަމަ އެއްބާރުލުން ދެމުން ގެންދާނެ ވާހަކަވެސް ދެންނެވީމެވެ.

07 އޯގަސްޓް 2018

25 ޛުލްޤަޢިދާ 1439