Election Commission of Maldives

ރިޔާސީ އިންތިޚާބު 2018 - ނޫސް ބަޔާން

05 އޮގަސްޓް 2018, 05:00 ނޫސް ބަޔާން
ރީ-ރެޖިސްޓްރީކުރުމުގެ ނަމުގައި އައިޑީކާޑު އަތުލުމަށްފަހު އަނބުރާ ހަވާލުނުކުރާކަމުގެ ޝަކުވާ އާއި ގުޅޭ

ނޫސް ބަޔާން

2018 ސެޕްޓެމްބަރ 23 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބާ ގުޅިގެން، ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައި އެމީހެއްގެ ދާއިމީ އެޑްރެސް ކަމަށް ބަޔާންކޮށްފައިވާ ރަށުގައި އެމީހަކު ނޫޅޭކަމުގައިވާނަމަ، އަދި އެ އިންތިޚާބުގައި އެމީހަކު އެހެން ތަނެއްގައި ވޯޓު ދޭން ބޭނުންނަމަ، އެމީހަކު އެތަނެއްގައި ރީ-ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު ހުޅުވާލާފައިވަނިކޮށް، ބައެއް ފަރާތްތަކުން ރީ-ރަޖިސްޓަރީ ކޮށްދިނުމުގެ ނަމުގައި ގޭގެއަށް ގޮސް، ބައެއް ފަރާތްތަކުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު އަތުލުމަށްފަހު، ވެރިފަރާތާ ޙަވާލުނުކުރާ ކަމުގެ ޝަކުވާ އާއި މިގޮތަށް ގިނައިން އަތުލަނީ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ކަމުގެ ޝަކުވާ މިކޮމިޝަނަށް ލިބެމުންދާތީ ދަންނަވަމެވެ.

އިސްވެ ބަޔާންކުރެވުނު ޢަމަލަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ ދަށުން 18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ލިބިގެންވާ ވޯޓު ދިނުމުގެ ޙައްޤު ގެއްލިދާފަދަ ޢަމަލެއް ކަމުން، މިފަދަ ކަންކަމުން އެފަދަ ފަރާތްތަކުން ދުރުވުމަށް އަންގަމެވެ. އަދި މިފަދަ ކަންކަމަށް ހުރިހާ ރައްޔިތުންވެސް ސަމާލުވެ ވަޑައިގަތުމަށް އިލްތިމާސް ކުރަމެވެ.

05 އޯގަސްޓު 2018

 23 ޛުލްޤަޢިދާ 1439