Election Commission of Maldives


ނޫސް ބަޔާން - ރިޔާސީ އިންތިހާބުގެ ގަވާއިދާއި ގުޅިގެން ދޮގު މައުލޫމާތު ފެތުރުމާއިގުޅޭ

24 ޖުލައި 2018, 02:00 ނޫސް ބަޔާން

ނޫސް ބަޔާން

2018 ސެޕްޓެމްބަރ 23 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބާ ގުޅިގެން، 2018 ޖުލައި 22 ވީ ހޯމަ ދުވަހު މިކޮމިޝަނުން ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ ގަވާއިދު ނަންބަރު 2018/R-71 (ރިޔާސީ އިންތިޚާބުގެ ގަވާއިދުގެ މާއްދާއަކަށް އިޞްލާޙް ގެންނަން ނިންމުމާ ގުޅިގެން، އެއީ ޤާނޫނާއި ގަވާއިދާ ޚިލާފަށް ކުރާ ކަމެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން މަޢުލޫމާތު ފަތުރަމުންދާތީ ދަންނަވަމެވެ.

އިސްވެ ބަޔާންކުރެވުނު ރިޔާސީ އިންތިޚާބުގެ ގަވާއިދުގެ 30 ވަނަ މާއްދާގެ (ށ) އަށް އިޞްލާޙް ގެނައުމަށް މިކޮމިޝަނުން ނިންމާފައިވާނީ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމުގައި ދަންނަވަމެވެ. އަދި ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) އާއި ޤާނޫނު ނަންބަރު: 12/2008 (ރިޔާސީ އިންތިޚާބުގެ ޤާނޫނު) އަދި ރިޔާސީ އިންތިޚާބުގެ ގަވާއިދުންވެސް އިންތިޚާބަށް ކުރިމަތިލުމަށް އިޢުލާންކުރުމަށްފަހު ގަވާއިދަށް ބަދަލު ގެނައުމަށް އެއްވެސް ހުރަހެއް ނެތް ވާހަކަ ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

ވީމާ، ރިޔާސީ އިންތިޚާބު 2018 އަކީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ހެދުމަށް ކޮމިޝަނުން ކުރާ މަސައްކަތްތަކާ ދެކޮޅަށް ބަޔަކު މީހުން މީސްމީޑިއާގައި ޞައްޙަ ނޫން މަޢުލޫމާތު ފަތުރަމުންދާތީ މިކަން ނުކުރަމަށް އަންގަމެވެ. އަދި މިފަދަ ކަންކަމާ ގުޅިގެން ސުވާލެއް އުފެދޭނަމަ ސީދާ އިލެކްޝަންސް ކޮމިޝަނާ ގުޅުއްވައި، މަޢޫލޫމާތު ސާފުކުރެއްވުން އެދެމެވެ. މީގެ އިތުރުން، މީޑިއާ ވަޞީލަތްތަކުން މިފަދަ ކަމަކާ ގުޅިގެން ކޮމިޝަނުގެ ބަހެއް ނުހޯދައި، ރައްޔިތުންނަށް އޮޅުން އަރާ ފަދަ ޞައްޙަ ނޫން މަޢުލޫމާތު ނުފެތުރުމަށާއި މިފަދަ ކަންކަމަށް ހުރިހާ ރައްޔިތުންވެސް ސަމާލުވެ ވަޑައިގަތުމަށް އިލްތިމާސް ކުރަމެވެ.                                                                                                             

 11ޛުލްޤަޢިދާ 1439

 24ޖުލައި 2018