Election Commission of Maldives


ނޫސް ބަޔާން - ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީރަޖިސްޓްރީ ކުރުމާއި ގުޅޭ

24 ޖުލައި 2018, 04:00 ނޫސް ބަޔާން
ރިޔާސީ އިންތިޚާބު 2018 - ނޫސް ބަޔާން

ނޫސް ބަޔާން
2018 ސެޕްޓެމްބަރ 23 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބާ ގުޅިގެން، ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައި އެމީހެއްގެ ދާއިމީ އެޑްރެސް ކަމަށް ބަޔާންކޮށްފައިވާ ރަށުގައި އެމީހަކު ނޫޅޭކަމުގައިވާނަމަ، އަދި އެ އިންތިޚާބުގައި އެމީހަކު އެހެން ތަނެއްގައި ވޯޓު ދޭން ބޭނުންނަމަ، އެމީހަކު އެތަނެއްގައި ރީ-ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު 2018 ޖުލައި 17 ވީ އަންގާރަ ދުވަހުން ފެށިގެން 2018 އޮގަސްޓު 11 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް ވާނީ ހުޅުވާލާފައެވެ. އަދި މި މުއްދަތުގައި އެމީހެއްގެ ދާއިމީ އެޑްރެސް ކަމަށް ބަޔާންކޮށްފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީ ނުކޮށްފިނަމަ، އެ މީހަކަށް ދާއިމީ އެޑްރެސް ކަމަށް ރަޖިސްޓަރީ ކޮށްފައިވާ ތަން ނޫން އެހެން ތަނަކަށް ވޯޓު ނުލެވޭނެ ވާހަކަ ރައްޔިތުންގެ ސަމާލު ކަމަށްޓަކައި ދަންނަވަމެވެ.

މިގޮތުން އިސްވެ ބަޔާންކުރެވުނު މުއްދަތުގެ ތެރޭގައި ރީ-ރަޖިސްޓަރީ ކުރުމަށްޓަކައި އަންނަނިވި ތަންތަނަށް ފޯމު ހުށަހެޅޭނެ އިންތިޒާމް މިކޮމިޝަނުން ހަމަޖައްސާފައިވާނެ ވާހަކަ ދަންނަވަމެވެ.

  1. އިންތިޚާބީ މަރުކަޒު (އިލެކްޝަންސް ކޮމިޝަން، ބައު ޖަމާލުއްދީން)؛
  2. ހުޅުމާލެ ކޮމިއުނިޓީ ސެންޓަރ، ފަހިވެނި ބިލްޑިންގ، 1 ވަނަ ފަންގިފިލާ؛
  3. ވިލިމާލެ ފެރީ ޓަރމިނަލް، ވިލިމާލެ؛
  4. ރަށު/އަތޮޅު/ސިޓީ ކައުންސިލްތަކުގެ އިދާރާގައި ތިއްބަވާ އިލެކްޝަންސް ފޯކަލް ޕޮއިންޓް؛
  5. ރާއްޖެއިން ބޭރުގައި ވޯޓުލާ މަރުކަޒު ޤާއިމްކުރުމަށް ހަމަޖެހިފައިވާ ޤައުމުތަކުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ ނުވަތަ ކޮންސިއުލޭޓް އޮފީސްތަކުން.

ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމުގެ ފުރުޞަތު ވީހާވެސް ގިނަ ރައްޔިތުންނަށް ހޯދައި ދިނުމަށްޓަކައި މިކޮމިޝަނުން ކުރާ މަސައްކަތުގައި، ދަޢުލަތުގެ އިދާރާތަކުންނާއި އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކުންނާއި ސިޔާސީ ޕާޓީތަކުންނާއި އަމިއްލަ ފަރުދުންވެސް ބައިވެރިވެ ވަޑައިގެން، ރައްޔިތުންނަށް ރީ-ރަޖިސްޓަރީ ކުރަން ވީހާވެސް ފަސޭހަ ގޮތްތައް ހޯދައި ދިނުމަށް މިކޮމިޝަނުން އެދެމެވެ. އަދި މިފަދައިން، ދަޢުލަތުގެ އިދާރާތަކުންނާއި އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކުންނާއި ސިޔާސީ ޕާޓީތަކުންނާއި އަމިއްލަ ފަރުދުން ގަނޑުކޮށް މިކޮމިޝަނަށް ހުށަހަޅާ ފޯމުތައް މިކޮމިޝަނުން ބަލައިގަންނާނެ ވާހަކަވެސް ދަންނަވަމެވެ.

ރަށްވެހިފައިވާ ތަން ނޫން އެހެން ތަނެއްގައި ރީ-ރަޖިސްޓަރ ކުރުމަށް ހުޅުވާލާފައިވަނިކޮށް، ރީ-ރަޖިސްޓަރީ ކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިތުގައި ޝައްކާއި ވަހުމް އުފެއްދުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުން ދާތީ، މިފަދަ ކަންކަމުން އެފަދަ ފަރާތްތަކުން ދުރުހެލިވެ ވަޑައިގަތުމަށް އިލްތިމާސް ކުރަމެވެ. މިގޮތުން، އިލެކްޝަންސް ކޮމިޝަނުން ރީ-ރަޖިސްޓަރީ ކުރަން ބަހައްޓާފައިވާ މޭޒުތައް ކައިރީގައި ސިޔާސީ ޕާޓީތަކުގެ އެކްޓިވިސްޓުން ޙަރަކާތްތެރިވާކަމަށް މީސްމީޑިއާގައި ދެކެވެމުންދާ ވާހަކަތަކަކީ ޞައްޙަ ވާހަކަތަކެއް ނޫން ކަމުގައި ދަންނަވަމެވެ.

 24 ޖުލައި 2018

 11 ޛުލްޤަޢިދާ 1439