Election Commission of Maldives

ބަޔާން: 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓު ލުމަށް ބަހައްޓާ ވޯޓު ފޮށިތަކާ ގުޅޭ ގޮތުން މީސްމީޑިއާ މެދުވެރިކޮށް ޞައްޙަ ނޫން ޚަބަރު ފެތުރުމާއި ގުޅޭ

17 ޖުލައި 2018, 12:00 ނޫސް ބަޔާން

ބަޔާން

 17 ޖުލައި 2018 – 04 ޛުލްޤަޢިދާ 1439​

2018 ސެޕްޓެމްބަރ 23 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބާ ގުޅިގެން، މިކޮމިޝަނުން އިޢުލާންކޮށްފައިވާ ވޯޓު ފޮށިތަކާ ބެހޭގޮތުން މީސްމީޑިއާ މެދުވެރިކޮށް ޞައްޙަ ނޫން ޚަބަރު ފަތުރައި، އިންތިޚާބާ ގުޅޭގޮތުން ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަން ފަތުރަމުންދާ ކަމުގެ މަޢުލޫމާތު މިކޮމިޝަނަށް ލިބެމުންދާތީ ދަންނަވަމެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ ދަށުން ދިވެހި ރައްޔިތުންނަށް ލިބިދޭ ވޯޓުދިނުމުގެ ޙައްޤުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމުގެ މަގު ފަހިވެފައިވާކަން މިކޮމިޝަނުން ކަށަވަރު ކުރާނެކަމާއި، ދިވެހި އެއްވެސް ރައްޔިތަކަށް އެ ޙައްޤު ގެއްލޭފަދަ ގޮތަކަށް އިންތިޚާބުގެ އެއްވެސް މަސައްކަތެއް މިކޮމިޝަނުން ނުކުރާނެ ކަމުގެ ޔަޤީންކަން އަރުވަމެވެ.

ރިޔާސީ އިންތިޚާބު 2018 ގައި ރާއްޖެއިން ބޭރުގެ ޤައުމުތަކާއި ސިނާޢީ މަސައްކަތްކުރާ ތަންތަން އަދި ރިސޯޓުތަކުގައި ވޯޓު ފޮށި ބެހެއްޓުމަށް މަދުވެގެން ރަޖިސްޓަރީ ކުރަންވާނެކަމަށް ކަނޑައަޅާފައިވާ އަދަދުތަކަކީ؛ ކޮމިޝަނުން ވޯޓު ފޮށި ބެހެއްޓުމަށް ކަނޑައަޅާފައިވާ ރާއްޖެއިން ބޭރުގެ ޤައުމުތަކުގައި 200 މީހުން؛ ރިސޯޓު ތަކުގައި 250 މީހުން އަދި ސިނާޢީ މަސައްކަތް ކުރާ ތަންތަނުގައި 100 މީހުން ކަމުގައި ކޮމިޝަނުން ކަނޑައަޅާފައިވާނީ މިކަމާމެދު ޢަމަލުކުރުމަށް މިކޮމިޝަނުން ކަނޑައަޅާފައިވާ އުޞޫލާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

އިސްވެ ބަޔާންކުރެވުނު އަދަދުތައް ކޮމިޝަނުން ކަނޑައަޅާފައިވާނީ ފާއިތުވެ ދިޔަ އިންތިޚާބުތަކުގައި ދިމާވެފައިވާ މައްސަލަތަކަށާއި ރަޖިސްޓަރީ ކޮށްފައިވާ މީހުންގެ އަދަދުގެ ނިސްބަތަށް ރިޢާޔަތްކޮށެވެ. މިގޮތުން 250 އަށްވުރެ ގިނަ ދިވެހިން މަސައްކަތްކުރާ 7 ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައިވާނީވެސް ފާއިތުވެ ދިޔަ އިންތިޚާބުތަކުގައި ދިމާވެފައިވާ މައްސަލަތަކަށް ބަލައި، ކޮމިޝަނުން ކަނޑައަޅާ އުޞޫލާ އެއްގޮތަށް ޢަމަލުކޮށްފައިވާ ރިސޯޓުތަކަށެވެ.

މިގޮތުން 250 އަށްވުރެ މަދު ދިވެހިން މަސައްކަތްކުރާ ރިސޯޓުތަކުގައި ފޮށި ނުބެހެއްޓުމަކީ އެއްވެސް ރައްޔިތަކަށް އެމީހަކަށް ޤާނޫނުން ލިބިދީފައިވާ ވޯޓު ދިނުމުގެ ޙައްޤު ގެއްލޭނެ ކަމެއް ނޫންކަމާއި، ވޯޓު ފޮށި ނުބަހައްޓާ ތަންތަނުގައި ދިރިއުޅޭ ފަރާތްތަކަށް، ވޯޓުފޮށި ބަހައްޓަން ކޮމިޝަނުން ކަނޑައަޅާފައިވާ އެންމެ ކައިރި ރިސޯޓުތަކުގައި ނުވަތަ މީހުން ދިރިއުޅޭ ރަށްތަކުގައި ވޯޓުލުމަށްޓަކައި ރީ-ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު ފަހިކުރެވިފައިވާ ވާހަކައާއި އެފަރާތްތަކަށް ވޯޓު ދިނުމުގެ އިންތިޒާމް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ.

ރިޔާސީ އިންތިޚާބު 2018 އަކީ މިނިވަން އަދި އިންސާފުވެރި އިންތިޚާބަކަށް ހެދުމަށް ކޮމިޝަނުން ކުރާ މަސައްކަތްތަކުގައި ދިވެހި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދެއްވުމަށްވެސް މިފުރުޞަތުގައި އިލްތިމާސް ކުރަމެވެ.