Election Commission of Maldives

ނޫސް ބަޔާން 1/2016

19 ޑިސެމްބަރު 2016, 12:00 ނޫސް ބަޔާން

 15 ޑިސެމްބަރ 2016 ގައި " ލޯކަލް ކައިންސިލްތަކުގެ އިންތިޚާބުގެ ކެންޑިޑޭޓުންނާއި އަދި މޮނީޓަރުންނަށް އެ ފުރުސަތު ގެއްލުވާލުން އިންތިހާއަށް ކުށްވެރިކުރުން" މިނަމުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން، އެޕާޓީގެ ވެބްސައިޓުގައި ޝާއިޢު ކޮށްފައިވާ ލިޔުމުގައި ހަގީގަތާ ހިލާފް، ފިތުނަ ފަސާދަ އުފެދޭ ގޮތަށް ހަގީގަތް އޮޅުވާލާފައިވާތީ ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތުގެ ޙައިޞިއްޔަތުން މިކޮމިޝަނުން އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ.

ޤާނޫނު ނަންބަރު 2008/8 (އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު) ގެ ދަށުން މިކޮމިޝަނަށް މަތިކޮށްފައިވާ މަސްޢޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ދިވެހިރާއްޖޭގައި ބޭއްވޭ އެންމެހައި އިންތިޚާބުތައް ބޭއްވުމާއި، ސިޔާސީ ޕާޓީތަކާ ގުޅުންހުރި މަސްޢޫލިއްޔަތުތައް ބެލެހެއްޓުމުގައި މިކޮމިޝަނުންދަނީ ސިޔާސީ ޕާޓީތަކާއި ކަމާ ގުޅުންހުރި ސަރުކާރުގެ އިދާރާތަކުގެ މަސްވަރާގެ މަތިން އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރަމުންނެވެ.

މިގޮތުން 2017 ވަނަ އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމުގެ ގޮތުން މިކޮމިޝަނުން ދަނީ ހަފްތާއަކު އެއްފަހަރު ސިޔާސީ ޕާޓީތަކާއި ސަރުކާރުގެ އިދާރާ ތަކުގެ އިސްވެރިން ހިމެނޭގޮތަށް ގައުމީ ލަފާދޭ ކޮމިޓީގައި މަޝްވަރާ ކުރަމުންނެވެ. މިމަޝްވަރާ ބައްދަލުވުން ތަކުގެ ތެރޭގައި ސިޔާސީ ޕާޓީތަކުގެ އެދުމުގެ މަތިން މިކޮމިޝަނުން އިންތިޚާބުގައި އެކި ކަންކަމުގައި ދީފައިވާ މުއްދަތަކަށް އެކި ފަހަރު މަތިން ވާނީ އިތުރުކޮށްދީފައެވެ.

ލޯކަލް ކައިންސިލްތަކުގެ އިންތިޚާބުގެ އޮބްޒާވަރުންނާއި މޮނީޓަރުންނަށް ފޯމު ހުށަހެޅުމުގައި ދަތިތަކެއް ހުރިކަމަށް ބަޔާންކޮށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއިން 29 ނޮވެމްބަރ 2016 މި ކޮމިޝަނަށް ފޮނުވި ސިޓީއަށް ރިޢާޔަތްކޮށް، އެންމެހައި ދިވެހި ރައްޔިތުންނަށް މި ފުރުޞަތު ހޯދައިދިނުމަށްޓަކައި، މުއްދަތު ހަމަވުމުގެ 5 ދުވަސް ކުރިން،  އޮބްޒާވަރުންނާއި މޮނިޓަރުންނަށްވުމަށް އެދި ފޯމް އިންޓަނެޓުގެ ޒަރީއާއިން ނޫންގޮތަށް ހުށަހެޅޭނެގޮތް އިންތިޒާމް މިކޮމިޝަނުންވާނީ ހަމަޖައްސައިދީފައެވެ.

14 ޖަނަވަރީ 2017 ގައި ބާއްވަން އިޢުލާންކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކަންކަން މިކޮމިޝަނުން ކުރަމުން ގޮސްފައިވާނީ، އިންސާފުވެރިކާއި، ހަމަހަމަ ކަމާއެކު ހުރިހާ ދިވެހި ރައްޔިތުންގެ މަސްލަހަތައް ބަލައިގެންނެވެ.

އިސްވެ ދެންނެވުނު ކަންކަމަށް ބަލާއިރު، އެކަންކަމަކީ ސިޔާސީ ޕާޓީގެ ޤާނޫނުގެ 7 ވަނަ މާއްދާއާއި ފުށުއަރާ ކަންތައްތައް ކަމުގައި ފާހަގަ ކުރަމެވެ. މިކޮމިޝަނުން ދެކޭގޮތުގައި ރައްޔިތުންގެ މަސްލަޙަތާ ގުޅުންހުރި އަދި ދައުލަތުން ޚަރަދުކުރާ މުއައްސަސާއެއްގެ ގޮތުގައިއޮވެ ސިޔާސީޕާޓީތަކުން މިފަދަ ކަމެއް ކުރުމަކީ އެއްވެސް ސިޔާސީ ޕާޓީއަކުން ކޮށްގެންވާނެ ކަމެއްނޫނެވެ.

ވީމާ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ރައްޔިތުންނަށް އޮޅުންއަރާ ގޮތަށް ނެރެފައިވާ ހަޤީގަތާ ޚިލާފު ދޮގު މައުލޫމާތު ހިމެނޭ ނޫސްބަޔާން މިކޮމިޝަނުން ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ. އަދި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަދަ ބޮޑު އިންތިޚާބެއް ކުރިމަތިވެފައިވަނިކޮށް، މި ކޮމިޝަން ބަދުނާމުވާގޮތަށް، ދިވެހި ރައްޔިތުންގެ ހިތުގައި މިކޮމިޝަނަށް އޮންނަ އިތުބާރު ގެއްލޭފަދަ އަމަލެއް ނުހިންގުމަށާއި މިކޮމިޝަނުގެ ޙުރުމަތް ކެނޑޭފަދަ ގޮތަށް އަމަލުނުކުރުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަށް މިކޮމިޝަނުން އިލްތިމާސް ކުރަމެވެ.

19 ޑިސެމްބަރ 2016
20
ރަބީޢުލްއައްވަލް 1438