Election Commission of Maldives


ނޫސްބަޔާން 8

14 ޑިސެމްބަރު 2015, 12:00 ނޫސް ބަޔާން

27 ނޮވެމްބަރު 2015 ވީ ހުކުރު ދުވަހު ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން އިސްނަގައިގެން އަދާލަތު ޕާޓީއާއެކު މާލޭގައި ބޭއްވި މުޒާހަރާގައި ހިންގާފައިވާ ހަރަކާތަކީ ސިޔާސީ ޕާޓީގެ ޤާނޫނުގެ 7 ވަނަ މާއްދާ އާއި ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ 9 ވަނަ މާއްދާއާ ޚިލާފު ޢަމަލުތަކެއްކަން ފާހަގަކޮށް، އިލެކްޝަންސް ކޮމިޝަނުން މިކަން ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ.

އަދި އެ މުޒާހަރާގައި ޤާނޫނާ ޚިލާފު އެއްވެސް ޢަމަލެއް ނުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން އިލްތިމާސް ކޮށްފައިވަނިކޮށް އެކަމަށް ރިޢާޔަތް ކުރުމެއް ނެތި، ކޮށްފައިވާ މިމުޒާހަރާގައި ފެނިގެން ދިޔައީ ޤާނޫނާއި ޤަވާއިދު އަދި ބައިނަލްއަޤްވާމީ މިންގަނޑުތަކާ ޚިލާފު ޢަމަލުތައް ކަމުގައި ދަންނަވަމެވެ. އަދި މިމުޒާހަރާ އިންތިޒާމްކުރި އެމް.ޑީ.ޕީ އިންނާއި މުޒާހަރާގައި ފުރިހަމައަށް ބައިވެރިވާ ކަމަށް އިޢުލާނުކޮށްފައިވާ އަދާލަތު ޕާޓީއިން، މިމުޒާހަރާގައި ހިންގާފައިވާ ކަންކަމުގައި ބައިވެރިވެ ފުރިހަމައަށް ޒިންމާ ނަގަންޖެހޭނެ ކަމުގައި މިކޮމިޝަނުން ދެކެމެވެ.

ވުމާއެކު، ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ އާއި އަދާލަތު ޕާޓީގެ ފަރާތުން އެ މުޒާހަރާގައި މިގޮތަށް ޢަމަލުކޮށްފައިވާތީ، ސިޔާސީ ޕާޓީގެ ޤާނޫނުގެ 48 ވަނަ މާއްދާއާ ހަވާލާދީ، 75،000 (ހަތްދިހަ ފަސްހާސް) ރުފިޔާ އިން ދެ ޕާޓީވެސް ޖޫރިމަނާކޮށް، 7 (ހަތެއް) ދުވަހުގެ ތެރޭގައި މިފައިސާ އިލެކްޝަންސް ކޮމިޝަނަށް ދައްކައި ޚަލާޞްކުރުމަށް އަންގަމެވެ.

އަދި ކުރިއަށް އޮތް ތަނުގައި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ އާއި އަދާލަތު ޕާޓީން ހިންގާ ނުވަތަ ބައިވެރިވާ ސިޔާސީ ހަރަކާތްތައް ޤާނޫނީ އިމުގެ ތެރެއިން ހިންގުމަށް ނަޞޭޙަތްތެރިވަމެވެ.