Election Commission of Maldives

ނޫސްބަޔާން 7

08 ޑިސެމްބަރު 2015, 12:00 ނޫސް ބަޔާން

           2015 ނޮވެމްބަރ 27 ގައި އެމް.ޑީ.ޕީއިން "މިންޖުވާން" މިނަމުގައި ބޭއްވި މުޒާހަރާގައި އދ.ގެ ލޯގޯ ބޭނުންކޮށްފައިވާތީ ކަންބޮޑުވުން ފާޅުކޮށް 2015 ޑިސެންބަރު 1 ގައި އެފަރާތުން ނެރެފައިވާ ބަޔާން ވަނީ މިކޮމިޝަނަށްވެސް ފޮނުއްވާފައެވެ. އަދި، އެޖަމިއްޔާގެ ލޯގޯ ބޭނުން ކުރެވޭނެ ގޮތުގެ ގައިޑްލައިންވެސް ވަނީ އެ ބަޔާނުގައި ހާމަކުރައްވާފައެވެ.

           ސިޔާސީ ޕާޓީތަކުން ހިންގާ ސިޔާސީ ހަރަކާތްތައް ހިންގަންވާނީ ޞުލްޙަވެރިކަމާއި އަމާންކަމާއެކު ޤާނޫނުތަކާއި ޤަވާޢިދުތަކާއި ދިވެހިރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި، އެމުޢާހަދާތަކުގެ ދަށުން ޢަމަލުކުރަންޖެހޭ ގައިޑްލައިންތަކާއި ޚިލާފް ނުވާނޭ ގޮތުގެ މަތިން، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ފަޚްރުވެރި ސިޔާދަތާ ކަރާމަތަށް އުނިކަން ލިބިދާފަދަ ޢަމަލުތަކުން އެއްކިބާވެ ތިބެގެންކަމަށް އެއްމެހާ ސިޔާސީ ޕާޓީތަކަށް ގޮވާލަމެވެ.

           އަދި، މުޒާހަރާތަކުގައި ކުޑަކުދީން ބައިވެރި ކުރުމަކީ ޤާނޫނާ ޚިލާފް ކަމެއް ކަމުގައި ހަނދާންކޮށްދެމެވެ. އަދި މީގެ އިތުރުން ދައުލަތުގެ އެކިއެކި މުއައްސަސާ ތަކާއި، އިދާރާތަކާމެދު ޢާއްމު ރައްޔިތުންގެ ހިތްތަކުގައި ނަފުރަތު އުފައްދައި، އެތަންތަނުގެ އަގުވައްޓާލުމަށް ދޮގު މަޢުލޫމާތު ފެތުރުން ފަދަ ޢަމަލުތައް ކުރުމީ މުޒާހަރާއެއްގައިވިޔަސް ކުރުން ހުއްދަނޫން ކަމެއް ކަމުގައި މިފުރުޞަތުގައި ދަންނަވަމެވެ.

           ރައްޔިތުން ބާރުވެރި ކުރުވާ، ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ސިޔާސީ ޕާޓީތައް އުފެދިފައިވަނީވެސް، މިނިވަން މުއައްސަސާތައް އުފެދިފައިވަނީވެސް އަދި، އެހެނިހެން އިދާރާ ތަކަކީވެސް ޤާނޫނު އަސާސީ އާއި  ޤާނޫނުތަކުގެ ދަށުން އުފެދިފައިވާ ތަންތަން ކަމަށްވާއިރު، ޤާނޫނީ އިމުން ބޭރުވެ ޤާނޫނީ ތަރަހަ ފަހަނަޅައި ދިއުމީ ސިޔާސީ ޕާޓީތަކުން ބާއްވާ ސިޔާސީ ޙަރަކާތްތަކުގައިވެސް ކޮށްގެންވާނެ ކަމެއްނޫންކަމުގައި (ސިޔާސީ ޕާޓީ ތަކުގެ ބެލެނިފަރާތުގެ ހައިސިއްޔަތުން) ބުނެ އަންގަމެވެ. އަދި ސިޔާސީ ޕާޓީތަކުން ބާއްވާ މުޒާހަރާތަކުގައި ހިންގާ ކަންކަން މިކޮމިޝަނުން ބަލާނެކަމާއި، އެކަމުގައި ފިޔަވަޅެއް އަޅަންޖެހޭނަމަ އެފިޔަވަޅެއް މިކޮމިޝަނުން އަޅާނެވާހަކަ ދަންނަވަމެވެ.