Election Commission of Maldives


ނޫސް ބަޔާން

02 ސެޕްޓެމްބަރު 2021, 12:00 ނޫސް ބަޔާން

ނޫސް ބަޔާން

  (PR)38-DA/38/2021/1

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) ގެ ދާއިރާތަކުގެ އިންތިޚާބުގައި ވާދަކުރުމަށް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ގ.ހާފްސީ، އަލްފާޟިލް އަޙްމަދު މަޙްލޫފަކީ އެ އިންތިޚާބުގައި ވާދަކުރުމަށް ޝަރުޠު ފުރިހަމަވާ ފަރާތެއް ނޫންކަމަށް، އެ ޕާޓީއިން ނިންމާފައިވާ ނިންމުމާ ގުޅިގެން 24 އޮގަސްޓް 2021 ގައި، މި ކޮމިޝަނަށް ހުށަހަޅާފައިވާ ޝަކުވާއާ ގުޅިގެން ދަންނަވަމެވެ.

މި މައްސަލައާ ގުޅިގެން، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއާއި، އަޙްމަދު މަޙްލޫފް ގެ ފަރާތުން ލިބިފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، މި ކޮމިޝަނުން ގޮތެއް ނިންމާފައި ވާނެއެވެ. އެ ގޮތުން، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) ގެ ދަށުން ސިޔާސީ ޕާޓީތަކުގެ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށް ލިބިދީފައިވީ ނަމަވެސް، އެކަން އޮންނަނީ މުޠްލަޤުގޮތެއްގައި ދޫކޮށްފައި ނޫންކަމާއި، ސިޔާސީ ޕާޓީއެއްގެ އެތެރޭގެ މަޤާމެއް ނުވަތަ މަޤާމުތަކުގެ އިންތިޚާބަކަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ޤާނޫނީއަސާސީއާއި ޤާނޫނާއި ޤަވާއިދާއި ދިވެހިރާއްޖޭއިން ޢަމަލުކުރުމަށް ސޮއިކޮށްފައިވާ މުޢާހަދާތަކާ ޚިލާފުނުވާ ގޮތުގެމަތިން، ޕާޓީގެ މަގާމުތަކަށް ކުރިމަތިލާ މެމްބަރުންގެ ނަޒާހަތްތެރިކަމާއި ޕާޓީގެ ޢާންމު މަޞްލަޙަތު ރައްކައުތެރިކޮށްދިނުމަށް މަގުފަހިކޮށްދޭ ޝަރުތެއް ނުވަތަ ޝަރުތުތަކެއް ކަނޑައެޅުމުގެ ޙައްޤު ސިޔާސީ ޕާޓީތަކަށް ލިބިގެންވެއެވެ. އެހެންނަމަވެސް، އެފަދަ ޝަރުތެއް ޕާޓީގެ އެތެރޭގެ އިންތިޚާބުތަކުގައި ބައިވެރިވާ މެންބަރަކަށް ކުރިމަތިކުރެވޭނީ، ޤާނޫނު ނަންބަރު: 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގައި ބުނާގޮތުގެ މަތިންނެވެ. ސިޔާސީ ޕާޓީގެ ޤާނޫނުގެ 14 ވަނަ މާއްދާގެ (މ) ގައި ބުނަނީ،، ޕާޓީގެ އިންތިޚާބުކުރެވޭ މަޤާމުތަކާއި، އެ މަޤާމުތަކަށް މީހުން އިންތިޚާބު ކުރާނޭ ގޮތުގެ އުޞޫލު އެ ޕާޓީއެއްގެ އަސާސީ ގަވާއިދުގައި ކަނޑައަޅަންވާނޭ ކަމަށެވެ. އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައި، ދަފްތަރުކޮށްފައިވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ ގެ އަސާސީ ގަވާއިދުގައި، ޕާޓީގެ އެތެރޭގެ އިންތިޚާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނަށް އެމް.ޑީ.ޕީ ގެ މެންބަރުކަން ފިޔަވައި، ވަކި ޚާއްޞަ ޝަރުތެއް ބަޔާންކުރެވިފައި ނުވާތީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއާއި އަޙްމަދު މަޙްލޫފަށް އެކަން ފާހަގަކޮށް އަންގާފައިވާނޭ ކަމުގައި ދަންނަވަމެވެ.

  02 ސެޕްޓެމްބަރ 2021

       25 މުޙައްރަމް   1443