Election Commission of Maldives

ނޫސް ބަޔާން

31 އޮގަސްޓް 2020, 02:00 ނޫސް ބަޔާން

 

ނޫސް ބަޔާން

 

12 މުޙައްރަމް 1442  - 31 އޯގަސްޓު 2020                                       NB/2020/02          

 

 

 

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 167 ވަނަ މާއްދާގެ ދަށުން، އިލެކްޝަންސް ކޮމިޝަނަކީ ވަކި ފަރާތަކަށް ބުރަނުވާ، މުސްތަޤިއްލު މުއައްސަސާއެއްކަމާއި، މި ކޮމިޝނުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރަންވާނީ ޤާނޫނު އަސާސީއާއި ޤާނޫނު ނަންބަރު: 2008/8 (އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނު) އާ އެއްގޮތްވާ ގޮތުގެ މަތިންކަމުގައި ބަޔާންކޮށްފައިވާއިރު، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނާއި މުވައްޒަފުންގެ ޤާނޫނީ ޒިންމާ އަދާކުރަމުންދަނީ ޤާނޫނުއަސާސީ އާއި އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނުގައިވާ ގޮތުގެ މަތިންނެވެ.

ޤާނޫނު ނަންބަރު: 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު)ގެ ދަށުން ދިވެހިރާއްޖޭގައި އުފައްދާ ސިޔާސީ ޕާޓީތައް ރަޖިސްޓަރީ ކުރުމާއި، ޕާޓީތަކުގެ ދަފްތަރު ބެލެހެއްޓުމާއި، ޕާޓީތައް ރެގިއުލޭޓް ކޮށް، ޕާޓީތަކާމެދު ފިޔަވަޅު އެޅުމުގެ ޤާނޫނީ ޒިންމާ އާ ޙަވާލުވެ ތިބެ، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނާއި މުވައްޒަފުން ސިޔާސީ ޕާޓީތަކާމެދު ޢަމަލުކުރަމުންދަނީ ހަމަހަމަކަމާއެކު ވަކި ސިޔާސީ ފިކުރަކަށް ތަފާތުކުރުމެއްނެތިއެވެ.

އަދި އިންތިޚާބުގެ ކަންކަން ކުރުމާއި، އެކަންތައްތައް ހިންގުމާއި، ބެލެހެއްޓުމާއި، އެކަންތައް މަގުފަހިކުރުމާއި އަދި އިންތިޚާބުތައް ހިނގަނީ އިންސާފުވެރިކަމާއެކު، ބިރުވެރިކަމެއް، ބިރުދެއްކުމެއް، ތަޅާފޮޅުމެއް، ނުރަނގަޅު ނުފޫޒެއް، އަދި ކޮރަޕްޝަނެއް ނެތި މިނިވަންކަމާއެކު ރައްޔިތުންނަށް ވޯޓުލުމުގެ ޙައްޤު ފުރިހަމައަށް އަދާކުރެވޭގޮތަށްކަން ކަށަވަރު ކުރުމަކީ ވެސް އިލެކްޝަންސް ކޮމިޝަނުން އަބަދުވެސް ޔަޤީންކުރާ ކަމެކެވެ.

ޤާނޫނުއަސާސީ އާއި ޤާނޫނުތަކާ އެއްގޮތަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނާއި މުވައްޒަފުން ޢަމަލުކުރަމުންދާއިރު، ސޯޝަލް މީޑީއާ އާއި އެހެނިހެން ގޮތްގޮތަށް ކޮމިޝަނުގެ މެންބަރުންނާއި މުވައްޒަފުންނަށް ބިރުދައްކައި، ހަޑިހުތުރު ބަހުން މުޢާމަލާތް ކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށްވާތީ، މިފަދަ ކަންކަން ހުއްޓާލުމަށް އިލްތިމާސް ކުރަމެވެ.