Election Commission of Maldives

ސިޔާސީ ޕާޓީގެ ޤާނޫނާއި ޚިލާފުވެގެން ތިން ސިޔާސީ ޕާޓީއަކަށް ފިޔަވަޅު އެޅުމާ ގެޅޭ

17 ޖޫން 2020, 05:30 ނޫސް ބަޔާން
ނޫސް ބަޔާން

ނޫސް ބަޔާން

ސިޔާސީ ޕާޓީގެ ޤާނޫނާއި ޚިލާފުވެގެން ތިން ސިޔާސީ ޕާޓީއަކަށް ފިޔަވަޅު އެޅުމާ ގެޅޭ

 

ސިޔާސީ ޕާޓީގެ ޤާނޫނާއި ޚިލާފުވެގެން ތިން ސިޔާސީ ޕާޓީއަކާމެދު ފިޔަވަޅު އެޅުމަށް ކޮމިޝަންއިން ނިންމައިފީމެވެ.

ފިޔަވަޅު އެޅުމަށް ނިންމާފައިވަނީ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްއާއި، ދިވެހި ރައްޔިތުންގެ ޕާޓީ އަދި މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް އެވެ. މިގޮތުން؛

  1. މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްއިން އެ ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް ގައުމީ ބައްދަލުވުން ބާއްވާފައިނުވާތީ،  ސިޔާސީ ޕާޓީގެ ޤާނޫނުގެ 49 ވަނަ މާއްދާގެ (ހ) ގެ 2 ގެ ދަށުން އެ ޕާޓީ  50,000/- (ފަންސާސް ހާސް) ރުފިޔާއިން އެޕާޓީ ޖޫރިމަނާކުރުމަށެވެ. އަދި މި ޖޫރިމަނާ، ސަރުކާރުން އިއުލާނުކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލާ ދުވަހުން ފެށިގެން 1 މަސް ދުވަހުގެ ތެރޭގައި ދެއްކުމަށާއި އަދި ސަރުކާރުން އިއުލާނުކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލުމުން ޕާޓީގެ ގައުމީ ބައްދަލުވުން       ވީ އެންމެ އަވަހަކަށް ބޭއްވުމަށާއި އަދި ބައްދަލުވުން ބޭއްވުމަށް ދެވޭނެ އެންމެ ދިގު މުއްދަތަކީ ސިއްޙީ ކުއްލި ޙާލަތު އިއުލާނުކޮށްފައިވާ ޖުމުލަ ދުވަހުގެ މުއްދަތުކަމުގައި ވެސް ވަނީ ދަންނަވާފައެވެ.  
  2. ދިވެހި ރައްޔިތުންގެ ޕާޓީއިން ތަކުރާރުކޮށް ސިޔާސީ ޕާޓީގެ ޤާނޫނާއި އެ ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފުވެ، އެ ޕާޓީ 2016 އަދި 2019 ގައި ކޮށްފައިވާ ޖޫރިމަނާތަކުގެ ފައިސާ ދައްކާފައިނުވާތީ، ދެ ފަހަރެއްގެ މަތިން މި ފައިސާ ކޮމިޝަނަށް ދެއްކުމަށް އެ ޕާޓީއަށް އެންގުނު ނަމަވެސް މިހާތަނައް އެ ފައިސާ ދައްކާފައި ނުވާތީއާއި، ސިޔާސީ ޕާޓީގެ ޤާނޫނާއި އެ ޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް 2018 އަދި 2019 ވަނަ އަހަރުގެ       އެ ޕާޓީގެ އަހަރީ ރިޕޯޓާއި އޯޑިޓް ރިޕޯޓްވެސް  ކޮމިޝަނަށް ހުށަހަޅާފައިނުވާތީއާއި، އަދި ޕާޓީގެ އަސާސީ ގަވާއިދުގެ 59 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން އެ ޕާޓީގެ ގައުމީ ޖަލްސާ ބާއްވާފައިނުވާތީ، މި ކަންކަން އިސްލާޙު ކުރުމަށް އެ ޕާޓީއަށް ކޮމިޝަނުން ވަނީ އަންގާފައެވެ. އަދި ދިވެހި ރައްޔިތުންގެ ޕާޓީއަށް އެކި ފަހަރުމަތިން ނަސޭހަތާއި އިންޒާރު އަދި ފިޔަވަޅު އަޅާފައިވާތީ، އިތުރަށް އަޅަން ހުރި އެންމެ ފަހުގެ ފިޔަވަޅާބެހޭ ގޮތުން އެ ޕާޓީއާއެކު މަޝްވާރާކޮށް ބައްދަލުވުމެއް ބޭއްވުމަށްވެސް ކޮމިޝަނުން ވަނީ ނިންމާފައެވެ.
  3. މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް އިން ސިޔާސީ ޕާޓީގެ ޤާނޫނުގެ 27 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން އެ ޕާޓީގެ ގައުމީ ބައްދަލުވުން ބާއްވާފައިނުވާތީ، ސިޔާސީ ޕާޓީގެ ޤާނޫނުގެ 49 ވަނަ މާއްދާގެ (ހ) ގެ 2 ގެ ދަށުން އެ ޕާޓީ 30,000/- (ތިރިސް ހާސް) ރުފިޔާއިން ޖޫރިމަނާ ކުރުމަށް ނިންމައި މި ޖޫރިމަނާ، ސަރުކާރުން އިއުލާނުކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލާ ދުވަހުން ފެށިގެން 1 މަސް ދުވަހުގެ ތެރޭގައި ދެއްކުމަށާއި އަދި ސަރުކާރުން އިއުލާނުކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލުމުން ޕާޓީގެ ގައުމީ ބައްދަލުވުން ވީ އެންމެ އަވަހަކަށް ބޭއްވުމަށާއި އަދި ބައްދަލުވުން ބޭއްވުމަށް ދެވޭނެ އެންމެ ދިގު މުއްދަތަކީ ސިއްޙީ ކުއްލި ޙާލަތު އިއުލާނުކޮށްފައިވާ ޖުމުލަ ދުވަހުގެ މުއްދަތުކަމުގައި ވެސް ވަނީ ދަންނަވާފައެވެ.  

17 ޖޫން2020

                    25 ޝައްވާލް 1441