Election Commission of Maldives


ޑިމޮކްރަސީ ހަފްތާ 2017 ފާހަގަކުރުމުގެ ގޮތުން ބޭއްވުނު ޕްރެޒެންޓޭޝަން މުބާރާތުގެ ނަތީޖާފާޅުކުރުމުގެ ރަސްމިއްޔާތު ބާއްވައިފި

05 މާޗް 2018, 12:00 ޚަބަރު

ޑިމޮކްރަސީ ހަފްތާ 2017 ފާހަގަކުރުމުގެ ގޮތުން ބޭއްވުނު ޕްރެޒެންޓޭޝަން މުބާރާތުގެ ނަތީޖާފާޅުކުރުމުގެ ރަސްމިއްޔާތު ބާއްވައިފި

 

 2017 ވަނަ އަހަރުގެ ޑިމޮކްރަސީ ހަފްތާ ފާހަގަކުރުމުގެ ގޮތުން ޔުނިވަރސިޓީ/ކޮލެޖްތަކަށް އަމާޒުކޮށްގެން ހިންގުނު ޕްރެޒެންޓޭޝަން މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު މިއަދު، އިންތިޚާބީ މަޒުކަޒުގައި ވަނީ ބާއްވާފައެވެ.

މި މުބާރާތަކީ 2017 ވަނަ އަހަރުގެ ޑިމޮކްރަސީ ހަފްތާ ފާހަގަކުރުމަށް ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ޔުނިވަރސިޓީ/ ކޮލެޖުތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން މިދިޔަ އަހަރުގެ ސެޕްޓެމްބަރ 22 ން އޮކްޓޯބަރ 28 އަށް މާލޭގައި ކުރިއަށް ގެންދެވުނު މުބާރާތެކެވެ. މި މުބާރާތް  ކުރިއަށް ގެންގޮސްފައިވަނީ ޕަބްލިކް ސަރވިސް މީޑިއާ އާއި ދިވެހިބަހުގެ އެކަޑަމީ އާއި ގުޅިގެންނެވެ. މި މުބާރާތުގައި ދެ ޔުނިވަރސިޓީންނާއި، އެއް ކޮލެޖުން ޖުމްލަ ފަސް ޓީމެއް ބައިވެރިވެފައިވެއެވެ. އެއީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ގެ ފަރާތުން ތިން ޓީމާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގެ ފަރާތުން އެއް ޓީމާއި އަދި މެޕްސް ކޮލެޖްގެ ފަރާތުން އެއް ޓީމެވެ.

މި މުބާރާތުގެ މަޤުޞަދަކީ ޑިމޮކްރަސީ އާމެދު އާންމުން ހޭލުންތެރިކުރުވުމާއި، ވީހާވެސް ގިނަ ފަރާތްތަކަށް ޑިމޮކްރަސީ އާ ގުޅޭ ގޮތުން މައުލޫމާތު ފޯރުކޮށްދިނުމާއި ޔުނިވަރސިޓީ/ކޮލެޖު ދަރިވަރުންނަށް ޑިމޮކްރަސީ އާއި އިންތިޚާބުތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމެވެ.

މިމުބާރާތުގައި ޑިމޮކްރަސީ އާ ގުޅޭ ގޮތުން ތަފާތު މައުޟޫތަކަށް ޓީމްތަކުން ޕްރެޒެންޓޭޝަން ހުށަހަޅުއްވާފައިވާއިރު، އެއް ވަނަ އަށް ގޮސްފައިވާ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޓީމް "އެކަތަ" އަށް 25,000 ރުފިޔާ، ދެވަނަ އަށް  ދިޔަ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޓީމް "ސަމުގާ" އަށް 15,000 ރުފިޔާ އަދި މުބާރާތުގެ ތިން ވަނައަށް ދިޔަ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޓީމް "ދިމާކުރާތީ" އަށް 10,000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދެއްވާފައެވެ.

މި ރަސްމިއްޔާތުގައި ފީ.އެސް.އެމް ގެ އިސްވެރިންނާއި، ދިވެހިބަހުގެ އެކަޑަމީގެ މުވައްޒަފުންނާއި، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނާއި މުވައްޒަފުންގެ އިތުރުން ޔުނިވަރސިޓީ/ކޮލެޖުގެ ދަރިވަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މިޙަފްލާގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ ސިވިލްސަރވިސް ކޮމިޝަންގެ ރައީސް ޑރ. ޢަލީ ޝަމީމެވެ.