Election Commission of Maldives


8 ވަނަ ފެމް.ބޯ.ސާގެ ބައްދަލުވުން ފެށިގެން ކުރިއަށް އެބަދޭ

25 ސެޕްޓެމްބަރު 2017, 12:00 ޚަބަރު

ނަންބަރު:51/NR)BA-2017)

8 ވަނަ ފެމް.ބޯ.ސާގެ ބައްދަލުވުން ފެށިގެން ކުރިއަށް އެބަދޭ


2017 ސެޕްޓެންބަރު 24 އިން 2017 ސެޕްޓެންބަރު 26 އަށް ކުރިއަށްދާ ފޯރަމް އޮފް އިލެކްޝަން މެނޭޖްމެންޓް ބޮޑީސް އޮފް ސައުތް އޭޝިއާ (ފެމް.ބޯ.ސާ) ގެ 8 ވަނަ ބައްދަލުވުން އަފްޤާނިސްތާނުގެ ވެރިރަށް ކާބުލްގައި ފެށިގެން ކުރިއަށް އެބަދެއެވެ. ފެމް.ބޯ.ސާގެ މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ބައިވެރިވެވަޑައިގަންނަވައި، ފެމް.ބޯ.ސާގެ ޗެއަރގެ ހައިސިއްޔަތުން ބައްދަލުވުން ފައްޓަވައި ދެއްވީ ކޮމިޝަނުގެ ނާއިބު ރައީސް އަލްއުޛްތާޒް އަމްޖަދު މުސްތަފާއެވެ. މި ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ކޮމިޝަނުގެ ނާއިބު ރައީސް ވަނީ ފެމް.ބޯ.ސާ ގައުމުތަކުގެ އިލެކްޝަންސް ކޮމިޝަންތަކުން އިންތިޚާބުތަކުގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައި، އެކަމަށް އިލްތިމާސްކުރައްވާފައެވެ.  

  މި ބައްދަލުވުމުގައި ފެމް.ބޯ.ސާގެ ބައިވެރިންގެ މެދުގައި ކުރިއަށް އޮތް ތަނުގައި ފެމް.ބޯ.ސާ ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާކުރެވޭނެއެވެ. މިއަހަރުގެ ފެމް.ބޯ.ސާ ތީމްއަކަށް ކަނޑައަޅާފައިވަނީ އިލެކްޝަން އެންޑް 'ޑިސްޕިއުޓް ރިޒެލިއުޝަންސް އަދި ނޯ ވޯޓަރ ޓު ބީ ލެފްޓް ބިހައިންޑް' އެވެ.

ފެމް.ބޯ.ސާ އަކީ ސައުތް އޭޝިއާގެ ގައުމުތަކުގެ އިލެކްޝަންސް ކޮމިޝަންތަކުގެ މެދުގައި އިންތިޙާބީ ނިޒާމް އިތުރަށް ވަރުގަދަކުރުމަށްޓަކައި އެޅިދާނެ ފިޔަވަޅު ތަކާއި، އަމަލުކުރާނެ އުސޫލުތަކާއި، އެކިއެކި ގައުމުތަކުގައި އިންތިޚާބުގައި އަމަލުކުރާގޮތް ހިއްސާކުރުމާއި، ހިޔާލުބަދަލުކުރުމަށް އުފައްދާފައިވާ ޖަމިއްޔާއެކެވެ. ފެމް.ބޯ.ސާގެ ބައްދަލުވުމެއް ކޮންމެ އަހަރުކުވެސް މެންބަރު ގައުމެއްގައި ބޭއްވެއެވެ. އަދި މި ބައްދަލުވުމުގައި އިންތިޚާބީ ނިޒާމް އިތުރަށް ހަރުދަނާކުރުމަށް މެންބަރު ގައުމުތަކުން މަސައްކަތްކުރުމަށް ވޯކް ޕްލޭންއެއް ފާސްކުރެއެވެ. ފެމް.ބޯ.ސާގެ 7 ވަނަ ދައުރުގެ ޗެއަރ އަކީ ދިވެހި ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނެވެ. މި ބައްދަލުވުމުގައި ފެމް.ބޯ.ސާގެ 8 ވަނަ ދައުރުގެ ޗެއަރ އަކަށް އިންޑެޕެންޑެންޓް އިލެކްޝަން ކޮމިޝަން އޮފް އަފްޤާނިސްތާން ވަނީ އައްޔަންކޮށްފައެވެ.    

މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުގެ އިތުރުން ފެމް.ބޯ.ސާގައި ހިމެނޭ 7 ގައުމު ކަމަށްވާ އިންޑިއާ، ސްރީލަންކާ، ނޭޕާލް، އަފްޤާނިސްތާން، ބޫޓާން، ޕާކިސްތާން އަދި  ބަންގްލަދޭޝްގެ އިލެކްޝަން ކޮމިޝަނުން ބައިވެރިވެއެވެ.

25 ސެޕްޓެންބަރު 2017