Election Commission of Maldives


ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ދެވަނަބުރު އިޢުލާނުކޮށް ރީރަޖިސްޓަރ ވުމުގެ ފުރުސަތު ހުޅުވާލައިފި

16 މެއި 2017, 12:00 ޚަބަރު

ނަންބަރު:40/NR)BA-2017)

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ދެވަނަބުރު އިޢުލާނުކޮށް ރީރަޖިސްޓަރ ވުމުގެ ފުރުސަތު ހުޅުވާލައިފި


2017 މެއި 06 ވީ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ އިތުރު ބުރެއް ދެ ކައުންސިލަކަށް ބޭއްވުމަށް މި ކޮމިޝަނުން ނިންމައިފިއެވެ. 2017 މެއި 20 ވާ ހޮނިހިރު ބޭއްވުމަށް ނިންމާފައިވަނީ ށ.އަތޮޅު ކޮމަންޑޫ ކައުންސިލާއި ތ.މަޑިފުށީ ކައުންސިލްގެ އިތުރު ބުރެއްގެ ވޯޓުލުމެވެ.

އިންތިޚާބުގެ ދެވަނަ ބުރެއް ށ. އަތޮޅު ކޮމަންޑޫ ކައުންސިލަށް ބޭއްވުމަށް ކޮމިޝަނުން ނިންމާފައިވަނީ، އެ ކައުންސިލަށް އިންތިޚާބުކުރަންޖެހޭ މެންބަރުންގެ ޢަދަދަށް ވުރެ ގިނަ ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓު އެއްވަރުވެފައިވާތީއެވެ. އަދި ތ. މަޑިފުށީ ކައުންސިލްގެ އިންތިޚާބުގައި ވާދަކޮށް އެންމެމަތިން ވޯޓުލިބިފައިވާ 4 (ހަތަރު) ކެންޑިޑޭޓުންގެ މެދުގައި އިތުރު ބުރެއްގެ ވޯޓުލުން ބޭއްވުމަށް މި ކޮމިޝަނުން ނިންމާފައިވަނީ، އެދާއިރާއަށް ވޯޓުލާންދިޔަ މީހުންގެ ތެރެއިން އެކަކަށް ވޯޓު ލެވިފައިވަނީ ވޯޓުލާންޖެހޭ ދާއިރާއަށް ނޫންކަމަށް ހާމަވެފައި ވާތީއާއި، އެދާއިރާނޫން އެހެން ދާއިރާއަކަށް ވޯޓުލާން ދިޔަ މީހުންގެ ތެރެއިން އެކަކަށް ވޯޓު ލެވިފައިވަނީ ތ.މަޑިފުށީ ކައުންސިލަށްކަމަށް ހާމަވެފައިވާތީ، މި ދެވޯޓުގެ ސަބަބުން، އެދާއިރާއިން އިންތިޚާބުގައި ވާދަކޮށް އެންމެމަތިން ވޯޓުލިބިފައިވާ 4 (ހަތަރު) ކެނޑިޑޭޓެއްގެ ވޯޓުގެ ނަތީޖާއަށް އަސަރުކޮށްފާނެ ކަމުގެ އިޙްތިމާލު އޮތުމުންނެވެ.

ށ. ކޮމަންޑޫ އަދި ތ. މަޑިފުށި ކައުންސިލްގެ އިންތިޚާބުގެ ދެވަނަ ބުރުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ހުރެގެން ވޯޓުލުމަށް ރަޖިސްޓަރީކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލާފައިވާއިރު، ވޯޓުލާތަން ބަދަލު ކުރެވޭނީ ހަމައެކަނި މާލެއަށާއި އެމީހަކު ރަށްވެހިވެފައިވާ ރަށަށެވެ. ރަޖިސްޓަރީ ކުރުމުގެ ފުރުސަތު މިއަދު (16 މެއި 2017) ހެނދުނު 10:30 އިން ރޭގަނޑު 08:00 އަށް ވަނީ ހުޅުވާލެވިފައެވެ.

  މި ދެ ރަށު ކައުންސިލްގެ ވޯޓު ނެގުން 2017 މެއި 20 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 04:00 އަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު، ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 (ތިރީސް) މިނިޓުގެ ތެރޭގައެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އިޢުލާންކުރެވޭނެއެވެ.

16 މެއި 2017