Election Commission of Maldives


ކޮރެއާގެ 19 ވަނަ ރިޔާސީ އިންތިޚާބުގެ އިލެކްޝަން ވިސިޓަރ ޕްރޮގްރާމުގައި ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުން ބައިވެރިވެއްޖެ

11th މެއި 2017, 12:00 ޚަބަރު

ނަންބަރު:39/NR)BA-2017)

ކޮރެއާގެ 19ވަނަ ރިޔާސީ އިންތިޚާބުގެ އިލެކްޝަން ވިސިޓަރ ޕްރޮގްރާމުގައި ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުން ބައިވެރިވެއްޖެ

ރިޕަބްލިކް އޮފް ކޮރެއާގެ ނޭޝަނަލް އިލެކްޝަން ކޮމިޝަން (އެން.އީ.ސީ)ގެ ފަރާތުން އިންތިޒާމުކޮށްގެން 2017 މެއި 4 އިން 10 އަށް ކޮރެއާގެ ސޯލްގައި ކުރިއަށްދިޔަ 19ވަނަ ރިޔާސީ އިންތިޚާބުގެ އިލެކްޝަން ވިސިޓަރ ޕްރޮގްރާމުގައި ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ކޮމިޝަނުގެ މެމްބަރ އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް އަދި އެސިސްޓެންޓް ޑިރެކްޓަރ އަޙްމަދު މުއާޒުއެވެ.

މިޕްރޮގްރާމުގެ ދަށުން ބައިވެރިންވަނީ އިންތިޚާބުގެ ވޯޓުނެގުމާއި ގުނުން އޮބްޒާވު ކުރައްވާފައެވެ. އަދި ވޯޓުގުޅުމުގެ ޕްރޮސެސްގެ މޮކް ސެޓަޕްވެސް ބައިވެރިން ވަނީ ބައްލަވާލައްވާފައެވެ. މީގެ އިތުރުން، މި މުއްދަތުގައި ކުރިއަށް ގެންދިޔަ ސޯލް އިންޓަނޭޝަނަލް ފޯރަމް އޮން އިލެކްޝަންސްގައި މި ކޮމިޝަނުން ބައިވެރިވެފައިވެއެވެ. މިފޯރަމްގައި އިންތިޙާބީ ކަންކަމުގައި ޕޮލިސީ ލެވެލްގައި ކުރެވޭނެ ކަންކަމާއި، ސިޔާސީ މައިދާނުގައި މިނިވަންކަމާއި އެކު ޝުޢޫރު ފާޅުކުރުމުގައި ހުރި ގޮންޖެހުންތަކާއި އަދި ދިމިގްރާތީ ނިޒާމް ހަރުދަނާ ކުރުމަށްޓަކައި ރައްޔިތުންގެ ބައިވެރިވުމުގެ މުހިއްމުކަމާއި ބެހޭގޮތުން ވަނީ ވާހަކަ ދެކެވިފައެވެ.

އޮބްޒަވޭޝަނަށް ފަހު ޑީބްރީފިންގ ސެޝަނެއްވަނީ ބާއްވާފައެވެ. މިސެޝަންގައި އިންތިޚާބު ކުރިއަށް ގޮސްފައިވާ ގޮތާއި ބެހޭގޮތުން ބައިވެރިންވަނީ ހިޔާލުފާޅުކުރައްވާފައެވެ. އަދި ކޮރެއާގެ އިންތިޙާބީ ނިޒާމުގެ ހަރުދަނާކަމަށް ތައުރީފް ކުރައްވާފައެވެ. މި އިލެކްޝަން ވިސިޓަރ ޕްރޮގްރާމުގައި ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުގެ މަންދޫބުންގެ އިތުރުން 68 މަންދޫބުން ވަނީ ބައިވެރިވެފައެވެ.

11 މެއި 2017