ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 އަށް ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ގެޒެޓުކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން
2017 މެއި 06 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 އަށް ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓު 2017 މާރިޗު 21 ވާ އަންގާރަ ދުވަހު ގެޒެޓު ކުރުމަށްވަނީ ހަމަޖެހިފައެވެ. މި ލިސްޓު ގެޒެޓު ކުރެވުމާއެކު މިލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވިގެން ދާނެއެވެ.
މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު 2017 މާރިޗު 21 އިން 2017 މާރިޗު 25 ގެ ނިޔަލަށް ހުޅުވާލާފައިވާއިރު، ޝަކުވާ ހުށަހަޅާ ފޯމު އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެއެވެ. ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު :0003 އަށެވެ. އަދި ރަސްމީ ބަންދު ދުވަސްތަކުގައި ކޮންމެ ދުވަހަކު ހެނދުނު 09.00 އިން މެންދުރުފަހު 03:00 އަށެވެ. އަދި ހުކުރު ދުވަހު ޝަކުވާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 އަށް ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ގެނެވުނު ބަދަލުތަކުގެ ލިސްޓަށް ހުށަހަޅާ ޝަކުވާތަށް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާލެފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުން އަދި މާލޭގައިނަމަ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގެ އިންތިޚާބީ މަރުކަޒު (ބައު ޖަމާލުއްދީން) އިންނެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 އަށް ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ދިވެހި ސަރުކާރުގެ ގެޒެޓުންނާއި، އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުން (www.elections.gov.mv) އަދި މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލް އިދާރާތަކުގައި ޢާންމުކޮށް ފެންނާނެހެން ބަހައްޓާފައި ހުންނާނެއެވެ. މީގެއިތުރުން (VR (Space) IDNO Send to 1414) އަށް އެސް.އެމް.އެސް ކޮށްގެން ޗެކްކުރެވޭނެއެވެ.
20 މާރިޗު 2017