Election Commission of Maldives


ވޯޓުފޮށި ބެހެއްޓުމަށް ކަނޑައެޅިފައިވާ އަދަދު ހަމަނުވުމުން ނުބަހައްޓާގޮތަށް ހަމަޖެއްސި ވޯޓުފޮށިތަކަށް ރަޖިސްޓަރީކުރިމީހުން އަލުން ރަޖިސްޓަރީކުރުމަށް ފުރުސަތު ހުޅުވާލައިފި

14 މާޗް 2017, 12:00 ޚަބަރު

ވޯޓުފޮށި ބެހެއްޓުމަށް ކަނޑައެޅިފައިވާ އަދަދު ހަމަނުވުމުން ނުބަހައްޓާގޮތަށް ހަމަޖެއްސި ވޯޓުފޮށިތަކަށް ރަޖިސްޓަރީކުރިމީހުން އަލުން ރަޖިސްޓަރީކުރުމަށް ފުރުސަތު ހުޅުވާލައިފި

    ރިސޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ތަންތަނާއި އިންޑިޔާގެ ޓްރިވެންޑްރަމްގައި ވޯޓުލުމަށްޓަކައި ބެހެއްޓުމަށް ހަމަޖެހިފައިވާ ވޯޓު ފޮށިތަކަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ޢަދަދު ކަނޑައެޅިފައިވާ ޢަދަދަށްވުރެ މަދުވުމާއި ގުޅިގެން ނުބެހެއްޓުމަށް ނިންމާފައިވާ ވޯޓުފޮށިތަކަށް ރަޖިސްޓަރީކޮށްފައިވާ މީހުން، މިހާރު ފޮށި ބެހެއްޓުމަށް އިޢުލާނު ކުރެވި، ފޮށި ބެހެއްޓޭނެކަން ކަށަވަރުވެފައިވާ ތަންތަނަށް ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު 2017 މާރިޗު 16 ގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

    މި ފުރުސަތުގައި ރަޖިސްޓަރީވެފައިވާ ތަން ބަދަލުކުރެވޭނީ، ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ޢަދަދު ކަނޑައެޅިފައިވާ ޢަދަދަށްވުރެ މަދުވުމާއި ގުޅިގެން ނުބެހެއްޓުމަށް ނިންމާފައިވާ ފޮށިތަކަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ރަޖިސްޓަރީވުމަށް އެދޭ ފަރާތްތަކަށް ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ހުރިހާ ރަށެއްގެ ރަށު ކައުންސިލް އިދާރާތަކުންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި އަދި މާލޭ ސިޓީގައިނަމަ އިންތިޚާބީ މަރުކަޒު (ބައު ޖަމާލުއްދީން) ގައި ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 03:00 ގެ ނިޔަލަށެވެ. ރާއްޖެއިންބޭރުގައިނަމަ ޓްރިވެންޑްރަމްގެ ކޮންސިއުލޭޓް އޮފީހުންނާއި ކޮލޮމްބޯގައި ހުންނަ ދިވެހިރާއްޖޭގެ އެންބަސީއިން، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އިން ހަވީރު 04:00 އަށެވެ. އަދި "ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަންނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު"  ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv)  އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.

   އަދަދު ހަމަނުވުމުން ނުބަހައްޓާގޮތަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖެއްސި ވޯޓުފޮށިތަކުގެ ތެރޭގައި، ސިނާއީ މަސައްކަތްކުރާ ސަރަހައްދުތަކުގައި ބެހެއްޓުމަށް ކުރިން ހަމަޖެއްސި ވޯޓު ފޮށިތަކާއި، ޑްރަގް ޓްރީޓްމަންޓް އެންޑް ރީހެބިލިޓޭޝަން ސެންޓަރުގައި ބެހެއްޓުމަށް ކުރިން ހަމަޖެހިފައިވާ ވޯޓުފޮށްޓާއި، އިންޑިއާގެ ޓްރިވެންޑްރަމްގައި ބެހެއްޓުމަށް ކުރިން ހަމަޖައްސާފައިވާ ވޯޓު ފޮށިތަކާއި 14 ރިސޯޓެއްގައި ބެހެއްޓުމަށް ކުރިން ހަމަޖައްސާފައިވާ ވޯޓު ފޮށިތައް ހިމެނެއެވެ. މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ބަދަލުނުކޮށްފިނަމަ އަދަދު ހަމަނުވުމުން ނުބަހައްޓާގޮތަށް ހަމަޖެއްސި މިދެންނެވި ތަންތަނުގައި ބަހައްޓަން ކުރިން ހަމަޖެއްސި ވޯޓުފޮށިތަކަށް ރަޖިސްޓަރީކުރި ފަރާތްތަކަށް ވޯޓު ލެވޭނީ ރަށްވެހިވެފައިވާ ރަށުގައެވެ.

   މީގެ އިތުރުން، ސްރީލަންކާގެ ކޮލަމްބޯގައި ބަހައްޓާ W.03.1.2 ނަންބަރު ވޮޓުފޮށްޓާއި، މާލޭގައި ދިރިއުޅޭ އަތޮޅު ތަކުގެ ރައްޔިތުންނާއި، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ ރައްޔިތުން ވޯޓުލުމަށްޓަކައި މާލޭގައި ބެހެއްޓުމަށް އިޢުލާން ކޮށްފައިވާ 20 ވޯޓުފޮށްޓެއް ބެހެއްޓުމަށް ކުރިން ހަމަޖެހިފައިވާ ތަންތަނާއި އަދި ވޯޓުލާ ސަރަޙައްދު ވަނީ ބަދަލުވެފައެވެ. އަދި އެ މައުލޫމާތު ކޮމިޝަނުގެ ވެބްސައިޓުންނާއި ދިވެހިސަރުކާރުގެ ގެޒެޓުން އާންމުކޮށް ފެންނަން ހުންނާނެއެވެ. 

14 މާރިޗު 2017