ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގެ ވޯޓު ފޮށިތަށް އިޢުލާނުކޮށްފި
2017 އެޕްރީލް 15 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގައި މާލެއާއި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކާއި ޖަލުތަކުގެ އިތުރުން ރިސޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ތަންތަނުގައި އަދި ރާއްޖެއިން ބޭރުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ވޯޓު ފޮށިތަކުގެ ނަންބަރާއި، ވޯޓު ފޮށިތަކުގެ ނަމާއި ވޯޓުލާ ސަރަހައްދުގެ އިތުރުން ވޯޓު ފޮށިތަށް ބަހައްޓާ ރަށާއި ތަންތަން އިލެކްޝަންސް ކޮމިޝަނުން އާންމުކޮށް އިޢުލާނުކޮއްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ 2017 އެޕްރީލް 15 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭގެ ރައްޔިތުން ވޯޓުލުމަށްޓަކައި 55 ވޯޓުފޮށި، މާލޭގައި ދިރިއުޅޭ އަތޮޅު ތަކުގެ ރައްޔިތުންނާއި، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ ރައްޔިތުން ވޯޓުލުމަށްޓަކައި މާލޭގައި 77 ވޯޓުފޮށި، ޖަލުތަކުގައި 4 ވޯޓުފޮށި، ރިސޯޓުތަކުގައި 21 ވޯޓުފޮށި، ސިނާއީ މަސައްކަތްކުރާ ތަންތަނުގައި 4 ވޯޓުފޮށި އަދި ރާއްޖެއިން ބޭރުގައި 6 ވޯޓުފޮށީގެ އިތުރުން އަތޮޅު ތެރޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި 302 ވޯޓުފޮށި ބެހެއްޓުމަށް ހަމަޖައްސައި އެކަން އާންމުކޮށް އިޢުލާނު ކޮއްފިއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖައްސާފައިވާ ސިނާއީ މަސައްކަތްކުރާ ރަށްތަކާއި ރިސޯޓުތަކުގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ އެ މީހަކު ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާ މުއްދަތުގެ ތެރޭގައި އެއިން ސިނާއީ މަސައްކަތްކުރާ ރަށެއްގައި/ރިސޯޓުގައި ވޯޓުލުމަށް މަދުވެގެން 100 (ސަތޭކަ) މީހުން ރަޖިސްޓަރީވެފައިވާ ރަށްތަކާއި ރިސޯޓުތަކުގައެވެ. އަދި ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖައްސާފައިވަނީ މަދުވެގެން 1000 (އެއްހާސް) މީހުން ރަޖިސްޓަރީވެފައިވާ ޤައުމުތަކުގައެވެ. އެހެންކަމުން ސިނާއީ މަސައްކަތްކުރާ ރަށްތަކާއި ރިސޯޓުތަކުގައި 100 (ސަތޭކަ) މީހުންނަށްވުރެ މަދު ޢަދަދަކަށް އަދި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖައްސާފައިވާ ޤައުމުތަކުގެ ތެރެއިން ޤައުމެއްގައި 1000 (އެއްހާސް) މީހުންނަށްވުރެ މަދު އަދަދަކަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާނަމަ، އެ ރަށެއް/ރިސޯޓެއް/ޤައުމެއްގައި ބެހެއްޓުމަށް ހަމަޖައްސާފައިވާ ވޯޓުފޮށި ނުބަހައްޓާ އެ ވޯޓުފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރި މީހުންގެ ރަޖިސްޓަރީ ބާޠިލްކޮށް އެ މީހުން ރަށްވެހިވެފައިވާ ރަށުގައި ވޯޓުލެވޭ ގޮތަށް ރަޖިސްޓަރީ ބަދަލުކުރުމަށްވެސް ވަނީ ނިންމާފައެވެ.
ޖުމްލަ 469 ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ 2017 އެޕްރީލް 15 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 08:00 އިން ހަވީރު 04:00 އަށެވެ.