Election Commission of Maldives


ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 އަށް ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

15 ޖެނުއަރީ 2017, 12:00 ޚަބަރު

ނަންބަރު:03/NR)BA-2017)

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 އަށް ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 އަށް ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ.

 މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު 2017 ޖެނުއަރީ 15 އިން ފެށިގެން 2017 ޖެނުއަރީ 23 ގެ ނިޔަލަށް ހުޅުވާލާފައިވާއިރު، ޝަކުވާ ހުށަހަޅާ ފޯމް އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެއެވެ. ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެދުނު 8:00 އިން މެންދުރުފަހު :0003 އަށެވެ. އަދި ރަސްމީ ބަންދު ދުވަސްތަކުގައި ކޮންމެ ދުވަހަކު ހެދުނު 9.00 އިން މެންދުރުފަހު 03:00 އަށެވެ. އަދި ހުކުރު ދުވަހު ޝަކުވާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 އަށް ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ހުށަހަޅާ ޝަކުވާތަށް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާލެފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނެވެ. އަދި މާލޭގައިނަމަ، ލިސްޓަށް ހުށަހަޅާ ޝަކުވާތަށް  ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގެ އިންތިޚާބީ މަރުކަޒު (ބައު ޖަމާލުއްދީން) އިން އެކަނި ބަލައިގަތުމަށް ހަމަޖައްސާފައިވާއިރު، އިލެކްޝަން ކޮމިޝަންގެ އިދާރާ (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ) އިން ފޯމު ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާފައި ނުވެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 އަށް ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ދިވެހި ސަރުކާރުގެ ގެޒެޓުންނާއި، އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުން އަދި މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލް އިދާރާތަކުގައި ޢާންމުކޮށް ފެންނާނެހެން ބަހައްޓާފައިވާއިރު، 1414 އަށް އެސް.އެމް.އެސް ކުރައްވައިގެންވެސް ލިސްޓު ޗެކްކުރެވޭނެއެވެ. އެސް.އެމް.އެސް މެދުވެރިކޮށް ލިސްޓު ޗެކްކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން، މެސެޖެއްގައި VR ޖައްސަވައި ހުސް ތަންކޮޅެއް ދޫކޮށްލެއްވުމަށްފަހު އައި.ޑީ ކާޑު ނަންބަރު ޖައްސަވައި 1414 އަށް އެސް.އެމް.އެސް ކުރެއްވުމުން ލިސްޓު ޗެކްކުރެވޭނެއެވެ. 

15 ޖެނުއަރީ 2017