Election Commission of Maldives


2017 އޭޕްރީލް 8 ގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި

08 ޖެނުއަރީ 2017, 12:00 ޚަބަރު

ނަންބަރު:02/NR)BA-2017)

2017 އޭޕްރީލް 8 ގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި

2017 އޭޕްރީލް 8 ގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ، ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) ގެ ދަށުން ބާއްވަންޖެހޭ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 14 ޖަނަވަރީ 2017 ގައި ބޭއްވުމަށް އިޢުލާންކޮށްފައިވަނިކޮށް ސިވިލްކޯޓުގެ ނަންބަރު:2515/CV-C/2016 ޙުކުމުން އިންތިޚާބު ބާއްވާ ތާރީޚް 14 ޖެނުއަރީ 2017 އިން ފެށިގެން މަދުވެގެން 2 މަސްދުވަސް ލިބޭ ގޮތަށް ފަސްކުރުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރުކޮށްފައިވާތީ، އެ ޙުކުމާ އެއްގޮތަށް އިންތިޚާބުގެ ކަންކަން އަލުން ކުރިއަށް ގެންދިއުމަށެވެ.

ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމަށް ފޯމު ހުށަހެޅުމުގެ މުއްދަތު 2017 ޖަނަވަރީ 9 ވާ ހޯމަ ދުވަހުގެ ހެނދުނު 08:00 އިން ފެށިގެން 2017 ފެބްރުއަރީ 6 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 03:00 އާ ހަމަޔަށް ހުޅުވާލައިފައިވާއިރު، މިއަދު އާންމުކުރި އިއުލާން ޢާއްމުކުރުމާއެކު އިލެކްޝަންސް ކޮމިޝަނުގެ ނަންބަރު (A)CA-2016/146 (26 އޮކްޓޫބަރު 2016) އިޢުލާނު އަދި ނަންބަރު (A)CA-2016/191 (6 ނޮވެންބަރު 2016) އިޢުލާނު ވަނީ ބާތިލުކޮށްފައެވެ. އެހެންކަމުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގައި ކެންޑިޑޭޓުންގެ ގޮތުގައި ވާދަކުރެއްވުމަށް ކުރިން ފޯމު ހުށަހަޅުއްވާފައިވާ ހުރިހާ ފަރާތްތަކުން އަލުން އެޕްލިކޭޝަން ފޯމު ހުށަހަޅުއްވަން ޖެހޭނެއެވެ. އެހެންނަމަވެސް އެޕްލިކޭޝަން ހުށަހެޅުއްވުމުގައި އެފަރާތްތަކަށް ލުއިފަސޭހަ ގޮތްތަކެއް ކަނޑައެޅިފައިވެއެވެ.

ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 10 ވަނަ މާއްދާއާ އެއްގޮތަށް މި އިންތިޚާބުގެ ޓިކެޓް ހޯދުމަށްޓަކައި އެއްވެސް ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީގައި ވާދަކޮށްފައިވާ މެންބަރަކު، މި އިންތިޚާބުގައި އެހެން ހައިސިއްޔަތަކުން ވާދައެއް ނުކުރެވޭނެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ 2017 އެޕްރީލް 8 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 08:00 ން ހަވީރު 04:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ހަވީރު 04:30 ގައެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނު ކުރާނީ 2017 އެޕްރީލް 17 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 02:30 ގައެވެ.

08 ޖަނަވަރީ 2017