ނަންބަރު:27/NR)BA-2016)
އިސްތިޢުނާފު ކުރަން ހުށަހަޅާފައިވާ މައްސަލަ އަނބުރާ ގެނައުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި.
14 ޖަނަވަރީ 2017 ގައި ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ގުޅިގެން ކޯޓުން ކުރި ޙުކުމް އިސްތިޢުނާފް ކުރުމަށް ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލަ އަނބުރާ ގެނައުމަށް ކޮމިޝަނުން ނިންމައިފިއެވެ.
މިގޮތަށް ކޮމިޝަނުން ނިންމާފައިވަނީ، 19 ޑިސެމްބަރ 2016 ގައި އިލެކްޝަންސް ކޮމިޝަންގެ އިދާރާގައި ބޭއްވުނު ޤައުމީ ލަފާދޭ ކޮމިޓީގެ (ސިޔާސީޕާޓީތައް ހިމެނޭގޮތަށް) 9 ވަނަ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި މެންބަރުންގެ މަޝްވަރާއާއެކު އިންތިޚާބު ބޭއްވުން އަވަސްކޮށްދެއްވުމަށްޓަކައި ދިވެހިރާއްޖޭގެ ހައިކޯޓަށް މިކޮމިޝަނުން އިސްތިޢުނާފަށް ހުށަހަޅާފައިވާ މައްސަލަ އަނބުރާ ގެނައުމަށްފަހު، އަލުން އިންތިޚާބަށް އިޢުލާންކުރުމަށް ލަފާދީފައިވާތީއެވެ.
ސިވިލް ކޯޓުގެ ނަންބަރު 2515/Cv-C/2016 ޤަޟިއްޔާއިން 01 ޑިސެމްބަރ 2016 ގައި ކުރި ހުކުމާ ގުޅިގެން 03 ޑިސެމްބަރ 2016 ގައި މިކޮމިޝަނުން މައްސަލަ އިސްތިއުނާފު ކުރުމަށްޓަކައި ސިވިލް ކޯޓަށް ހުށަހަޅައި، އަދި 06 ޑިސެމްބަރ 2016 ގައި ސިވިލް ކޯޓުން ހައިކޯޓަށް މައްސަލަ ހުށަހެޅުމުން، އިސްތިއުނާފު ފޯމަށް ބަދަލު ގެނައުމަށްފަހު 18 ޑިސެމްބަރ 2016 ގައި އަލުން ހުށަހެޅެމަށް އަންގާފައިވީނަމަވެސް، ޤަޟިއްޔާއާ ގުޅުންހުރި ލިޔެކިޔުންތައް ހޯދުމަށް އެކި އެކި އިދާރާތަކުން އެދި، 19 ޑިސެމްބަރ 2016 ގައި މިލިޔެކިޔުންތައް ލިބުމާއެކު ފޯމް އިޞްލާޙްކުރުމަށްފަހު ވާނީ ދިވެހި ރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައެވެ.
އަދި މިއާއެކު، ކޯޓުން ނެރެފައިވާ ޙުކުމް ދެމިއޮންނާނެތީ، އެ ޙުކުމާ އެއްގޮތަށް ކުރިއަށް ދިޔުމަށްޓަކައި ޤާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށްޓަކައި މި މައްސަލަ ކޯޓަށް ހުށަހަޅަން ކޮމިޝަނުން މިއަދު ވަނީ ނިންމާފައެވެ.
22 ޑިސެންބަރ 2016