Election Commission of Maldives


'ކެޕޭސިޓީ ޑިވެލޮޕްމެންޓް ފޮރ އިލެކްޝަންސް މެނޭޖްމަންޓް ޕްރޮގްރާމް' ގައި ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުން ބައިވެރިވެއްޖެ

14 ޑިސެމްބަރު 2016, 12:00 ޚަބަރު

ނަންބަރު:26/NR)BA-2016)

'ކެޕޭސިޓީ ޑިވެލޮޕްމެންޓް ފޮރ އިލެކްޝަންސް މެނޭޖްމަންޓް ޕްރޮގްރާމް' ގައި ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުން ބައިވެރިވެއްޖެ

އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުން އިންތިޒާމުކޮށްގެން އެ ޤައުމުގެ ވެރިރަށް ނިއުދިއްލީގެ، އިންޑިއާ އިންޓަނޭޝަނަލް އިންސްޓިޓިއުޓް އޮފް ޑިމޮކްރަސީ އެންޑް އިލެކްޝަން މެނޭޖްމަންޓްގައި ޑިސެމްބަރ 05 އިން 15 އަށް ކުރިއަށްދާ 'ކެޕޭސިޓީ ޑިވެލޮޕްމެންޓް ފޮރ އިލެކްޝަންސް މެނޭޖްމަންޓް ޕްރޮގްރާމް' ގައި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ ފޮރިންގ ރިލޭޝަންސް އޮފިސަރ ހައްވާ ފިޒާ އަދި ފައިނޭންސް އޮފިސަރ މަރިޔަމް ސުހައިލާ އެވެ. 10 ދުވަހަށް ކުރިއަށްގެންދާ މި ޕްރޮގްރާމް އަމާޒުކޮށްފައިވަނީ އިލެކްޝަން މެނޭޖްމެންޓްގެ ޓެކްނޮލޮޖީ އަށް ބަރޯސާވާ ދާއިރާތަކުގައި މަސައްކަތް ކުރަމުންދާ، ނުވަތަ ކުރަންޖެހޭ މުވައްޒަފުންނަށެވެ. މި ޕްރޮގްރާމްގައި ދިވެހިރާއްޖޭގައި އިންތިޚާބުތަކުގައި އަމަލުކުރަމުން ގެންދާ އުސޫލުތަކުގެ މައުލޫމާތު ޕްރޮގްރާމްގެ ބައިވެރިންނަށް ހިއްސާކުރެވިގެން ދާނެއެވެ.

މި ޕްރޮގްރާމް އިންތިޒާމްކުރި ފަރާތްކަމުގައިވާ އިންޑިއާގެ އިލެކްޝަންސް ކޮމިޝަންގެ މަޤްސަދަކީ އިންތިޚާބުތަކުގައި އަމަލުކުރާނެ ރަނގަޅު ނިޒާމުތަކާއި އުސޫލުތަކާއި، މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ބޭއްވުމާއި، އިންތިޚާބުތަކުގެ ކެމްޕެއިނަށް ހަރަދުކުރާ ފައިސާ މޮނިޓަރ ކުރާނެ ގޮތްތަކާއި، އިންތިޚާބުތަކުގައި ދިމާވާ މައްސަލަތަށް ހައްލުކުރާނެ ގޮތްތަކުގެ އިތުރުން އިލެކްޓްރޯނިކް ވޯޓިންގ ޕްރޮސެސް އާއި ޓެކްނޮލޮޖީގެ އިތުރުންވެސް ވޯޓާއި ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް މަގުފަހިކޮށްދިނުމެވެ.

މި ޕްރޮގްރާމުގައި ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުގެ އިތުރުން ސާރކްގެ 6 ޤައުމާއިއެކު ޖުމްލަ 26 ޤައުމެއްގެ އިލެކްޝަން ކޮމިޝަންތަކުން ބައިވެރިވެއެވެ.

14 ޑިސެންބަރ 2016