ނަންބަރު:22 (NR)BA-2016/
ޓްރިވަންޑްރަމް އާއި ކޮލަމްބޯގައި ވޯޓުލުމަށް ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފި
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޓްރިވަންޑްރަމް އާއި ކޮލަމްބޯގައި ވޯޓުލުމަށް ބޭނުންވާ ފަރާތްތަކަށް ރަޖިސްޓަރީ ކުރުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަނުން ހުޅުވާލައިފިއެވެ.
ޓްރިވަންޑްރަމް އަދި ކޮަލަމްބޯގައި ރަޖިސްޓަރީވާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓަރީވުމުގެ ފުރުޞަތު ހުޅުވާލައިފައިވަނީ 14 ނޮވެމްބަރ 2016 ވާ ހޯމަ ދުވަހުން ފެށިގެން 21 ނޮވެމްބަރ 2016 ވާ ހޯމަ ދުވަހުގެ ނިޔަލަށެވެ.
ވޯޓުލުމަށް ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅަންޖެހޭ ފޯމު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގެ އިންތިޚާބީ މަރުކަޒު (ބައު ޖަމާލުއްދީން) އިންނާއި ހުރިހާ ރަށެއްގެ ރަށު ކައުންސިލް އިދާރާތަކުންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ޓްރިވަންޑްރަމް އާއި ކޮލަމްބޯގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓް(www.elections.gov.mv) އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.
ފޯމު ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ޓްރިވަންޑްރަމްގެ ކޮންސިއުލޭޓް އޮފީހުންނާއި ކޮލަމްބޯގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އިންނެވެ. ރަޖިސްޓަރީ ކުރުން އޮންނާނީ މިއަދުން ފެށިގެން 21 ނޮވެމްބަރ ވާ ހޯމަ ދުވަހުގެ ނިޔަލަށް، އާދިއްތަ ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 9:30 އިން ހަވީރު 4:00 އަށެވެ. އަދި އާދިއްތަ ދުވަހު ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މެންދުރު 12:00 އިން ހަވީރު 5:00 އަށެވެ.
ފޯމު ހުށަހަޅާއިރު، ފޯމު ހުށަހަޅަން އަންނަ މީހާ، އެމީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ރަސްމީ ލިޔުމެއްގެ އަސްލު ހުށަހަޅަންވާނެވެ. އަދި ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ރަސްމީ ލިޔުމެއްގެ ކޮޕީއެއް އެފޯމާއެކު ހުށަހަޅަންވާނެއެވެ.
14 ނޮވެމްބަރ 2016