އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުން އިންތިޒާމް ކޮށްގެން ބޭއްވި 'ކޮންފަރެންސް އިން ވޯޓަރ އެޑިއުކޭޝަން' ގައި ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުން ބައިވެރިވެއްޖެ
އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުން އިންތިޒާމުކޮށްގެން އޮކްޓޯބަރ 19 އިން 21 އަށް އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ކުރިއަށްދިޔަ 'ވޯޓަރ އެޑިއުކޭޝަން ފޯ އިންކްލޫސިވް، އިންފޯރމްޑް އެންޑް އެތިކަލް ޕާރޓިސިޕޭޝަން' ގައި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ ނާއިބު ރައީސް އަލްއުސްތާޛް އަމްޖަދު މުސްތަފާ އަދި އެޑްމިނިސްޓްރޭޓިވް އޮފިސަރ އައިޝަތު ނަޒްމާ ނިޒާމްއެވެ. 5 ދުވަހަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގެ މަޤްސަދަކީ އިންތިޚާބުތަކުގައި އިންފޮމޭޝަން ޓެކްނޮލޮޖީގެ ބޭނުން އެދެވޭ ގޮތެއްގައި ހިފުމާ ގުޅޭގޮތުން މަޝްވަރާކުރުމެވެ. މީގެ އިތުރުން ރައްޔިތުން އިންތިޚާބާއި ގުޅޭ ކަންތައްތަކަށް އަހުލުވެރިކުރުމުގެ މުހިއްމުކަމުގެ މައްޗަށް މި ޕްރޮގްރާމުގައި އަލިއަޅުވާލެވުނެވެ.
މި ޕްރޮގްރާމުގެ ބައިވެރިން މަޝްވަރާކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ވޯޓަރ އެޑިއުކޭޝަން ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތަށް މަދުކުރުމާއި، ވޯޓަރ އެޑިއުކޭޝަންގެ ސަބަބުން ރައްޔިތުން އިންތިޚާބުތަކަށް އަހުލުވެރިވާ މިންވަރު އަންދާސާކުރުމާއި، އިންތިޚާބުތަކުގައި ބައިވެރިވާ ރައްޔިތުންގެ އަދަދު މަދުވުމަށް ދިމާވާ ސަބަބުތަށް ހޯދައި ބެލުން ހިމެނެއެވެ.
މި ޕްރޮގްރާމުގައި ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުގެ އިތުރުން 25 ގައުމެއްގެ އިލެކްޝަން މެނޭޖްމެންޓް ބޮޑީސް، ޔޫ.އެން.ޑީ.ޕީ، އައިޑިއާ، އައި.އެފް.އީ.އެސް އަދި މެލޭޝިއާ ކޮމަންވެލްތް ސްޓަޑީސް ސެންޓަރާއި ހައިފާ ޔުނިވާރސިޓީގެ ރިސާރޗް ސްކޮލަރުން ބައިވެރިވިއެވެ.
22 އޮކްޓޯބަރ 2016