ބަނޑޮސް އައިލެންޑް ރިސޯޓުގައި 02-04 އޮގަސްޓް 2016 އަށް ކުރިއަށްދާ ދެކުނު އޭޝިއާގެ ސަރަޙައްދީ އިލެކްޝަންސް ޖަމާޢަތްތަކުގެ ހަތްވަނަ ބައްދަލުވުން (ފެމްބޯސާ) ގެ 6 ވަނަ ޓެކްނިކަލް ސެޝަންގައި 'އިލެކްޝަން މޮޑަނައިޒޭޝަން' އާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ކަރުދާހެއް ހުށަހަޅައިފިއެވެ. މި ކަރުދާސް ހުށަހަޅުއްވައިދެއްވީ ކޮމިޝަންގެ މެންބަރު އަލްފާޟިލް މުޙައްމަދު ޝަކީލެވެ. މި މަޝްވަރާތަކުގައި އިލެކްޓްރޯނިކް ވޯޓިންގްގައި އިންފޮމޭޝަން ޓެކްނޮލޮޖީ ބޭނުންކޮށްގެން އިންތިޚާބުތަކުގައި ދިމާވާ މައްސަލަތައް ޙައްލުކުރެވޭނެ ގޮތްތަކާމެދު ވާހަކަ ދެކެވުނެވެ. މީގެ އިތުރުން އިންތިޚާބާ ގުޅިގެން ކުރަންޖެހޭ އެކިއެކި މަސައްކަތްތަކުގަ އާއި އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އިލެކްޓްރޯނިކް އާލާތްތައް ބޭނުންކޮށްގެން ކުރެވިދާނެ ބައެއް މަސައްކަތްތައް ކަމުގައިވާ އިންތިޚާބުގެ އޮނިގަނޑު ތައްޔާރުކުރުމާއި،ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓްރީ ތައްޔާރުކުރުމުގެ މަސައްކަތްތައް ފަސޭހަކުރުވޭނެ ގޮތްތަކާމެދު މަޝްވަރާކުރެވުނެވެ. އަދި އިންތިޚާބަށްފަހު ކުރަންޖެހޭ ބައެއް މަސައްކަތްތައް ކަމުގައިވާ ރިޕޯޓްތައް ތައްޔާރުކުރުމާއި އެރިޕޯޓުތަކުގައި ހުރި ޞައްޙަކަން ޔަޤީންކުރުމަށްއިލެކްޓްރޯނިކް އާލާތްތައް ބޭނުންކުރެވިދާނެ ގޮތްތަކާމެދު މަޝްވަރާކުރެވުނެވެ. މި މަޝްވަރާތަކުގައި އިލެކްޝަން މޮޑަނައިޒޭޝަން އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރުމަށް އިލެކްޝަންއާ ގުޅޭ މަރުޙަލާތައް ދިރާސާކުރުމާއި ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވޯޓުލުމުގައި ދިމާވާ ދަތިތަކާއި، ވޯޓުލާ އިންސައްތަ އަދި އިންތިޚާބާ ގުޅޭ ފުރިހަމަ އަދި ޞައްޙަ މަޢުލޫމާތުތައް ލިބިގަތުމުގެ މުހިއްމު ކަމާމެދު މަޝްވަރާކުރެވުނުވެ.ދިވެހިރާއްޖެއިން ހުށަހެޅި ކަރުދާސްކަމުގައިވާ "އިލެކްޝަން މޮޑަނައިޒޭޝަން" އާއި ގުޅޭގޮތުން ބައްދަލުވުމުގެ ބައިވެރިންނަށް މަޝްވަރާއަށް ހުޅުވާލުމުން އިންތިޚާބާއި ގުޅޭ ކަންކަން ރާވާ ހިންގުމުގައި އިލެކްޝަން މޮޑަނައިޒޭޝަން ބޭނުންކުރުމުގެ މުޙިއްމު ކަމާމެދު ސްރީލަންކާގެ އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ވާހަކަފުޅު ދެއްކެވި އެޑިޝަނަލް ކޮމިޝަނަރ މަޙްދޫމް މުޙައްމަދު ފާހަގަކުރެއްވިއެވެ.