އެމް.ޑީ.ޕީގެ ޤައުމީ މަޖިލިހުގެ ޤަރާރާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މިކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރެފައިވާ ނޫސްބަޔާނުގައި، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން 2015 އޮކްޓޯބަރ 6 ގައި އެޕާޓީގެ ޤައުމީ މަޖިލީހުގެ 138 ވަނަ ބައްދަލުވުމުގައި ފާސްކުރި ޤަރާރުގައި ، ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތުގެ ޙައިޞިއްޔަތުން ކަންބޮޑުވާ ކަންކަން ހުރިކަން ފާހަގަކޮށްފައިވެއެވެ. މިގޮތުން؛ ޤަރާރު ފަށަމުން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ ޙުކުމަކީ ޣައިރު ޤާނޫނީ ޙުކުމެއްކަމަށް ނިންމައި އެގޮތަށް އިބާރާތް ކޮށްފައިިވުން، ދައުލަތުން ޚަރަދުކުރާ ޖަމާއަތެއްގެ ގޮތުގައި (ސިޔާސީ ޕާޓީއެއްގެ ގޮތުގައި) އޮވެ ސަރުކާރުގެ އިސްވެރިންނަށާއި ، ސަރުކާރުގެ ނިންމެވުންތަކަށް ގޮންޖަހައި، އެކަންކަމަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށާއި އެފަދަ ކަންކަމަށް ހިއްވަރުދީ އާއްމު ރައްޔިތުންނަށް ގޮވާލާފައިވުން، އަދި ރާއްޖޭގެ ހެދިފައިވާ ދާޚިލީ ޤާނޫނުތަކަށް ބެލުމެއްނެތި، ބޭރުގެ ޖަމާއަތްތައް މެދުވެރިކޮށް ދައުލަތުގެ އިސްފަރާތްތަކަށާއި ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވާލާފައިވުން މިނޫސްބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މިކަންކަމަކީ ސިޔާސީ ޕާޓީގެ ޤާނޫނުގެ 7 ވަނަ މާއްދާއާއި ފުށުއަރާ ކަންތައްތައް ކަމުގައި ފާހަގަކޮށް، ކޮމިޝަނުން ދެކޭގޮތުގައި ދައުލަތުން ޚަރަދުކުރާ މުއައްސަސާއެއްގެ ގޮތުގައޮވެ މިފަދަ ކަމެއް ކުރުމަކީ އެއްވެސް ސިޔާސީ ޕާޓީއަކަށް ކުރެވިގެންވާނެ ކަމެއްނޫން ކަމުގައ ބުނެެފައި ވެއެވެ. އަދި، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޤާރާރު 008/2015 ކޮމިޝަނުން ހަރުކަށި އިބާރާތުން ކުއްވެރި ކުރާކަމާއި، މިޤަރާރުގައި ބުނެފައިވާ ފަދަ އެއްވެސް އަމަލެއް ނުހިންގުމަށާއި ކޯޓުތަކުގެ ޙުރުމަތް ކެނޑޭފަދަ ގޮތަށް އަމަލުނުކުރުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަށް ކޮމިޝަނުން އިލްތިމާސް ކުރައްވާފައިވެއެވެ.