Election Commission of Maldives


ޑިމޮކްރެސީ ވީކްގެ މީޑީއާ ކަވަރޭޖް ހެދުމާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނާ އިތުރު 2 މީޑިއަކާ އެކު އެމް.އޯ.ޔޫއެއްގައި ސޮއިކޮށްފި

21 ސެޕްޓެމްބަރު 2015, 12:00 ޚަބަރު

އޮކްޓޯބަރ މަހުގެ 4 އިން 10 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ޑިމޮކްރެސީ ވީކް 2015ގެ ހަރަކާތަކުގެ ކަވަރޭޖް ހެދުމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން 07 ސެޕްޓެމްބަރގައި ސޮއިކުރެވުނު 8 މީޑިއާގެ އިތުރުން 2 މީޑިއާ އަކާ އެކު މިއަދު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ) އެއްގައި ސޮއިކޮށްފިއެވެ. މިއަދު ސޮއިކުރެވުނު 2 މީޑިއާ އަކީ ވަގުތު އަދި ސަން މީޑިއާ އެވެ.

އިލެކްޝަންސް ކޮމިޝަނުގައި މިއަދު މެންދުރު ބޭއްވުނު މިހަފްލާގައި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ސޮއި ކުރެއްވީ ކޮމިޝަނުގެ ނާއިބު ރައީސް އަމްޖަދު މުޞްޠަފާ އަދި ކޮމިޝަނުގެ މެންބަރު އަޙްމަދު އަކްރަމްއެވެ. ސަންމީޑިއާގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ ޑިރެކްޓަރ އަޙްމަދު މުޖްތަބާ އަދި ވަގުތުގެ ފަރާތުން ސޮއި ކުރެއްވީ ޗީފް ފައިނެންޝަލް އޮފިސަރ ހުސެއިން ޝާމް އާދަމްއެވެ.

އެމް.އޯ.ޔޫގައި ސޮއިކުރުމަށްފަހު ކޮމިޝަނުގެ ފަރާތުން މީޑިއާތަކަށް ޑިމޮކްރެސީ ވީކްއާއި ބެހޭގޮތުން މަޢުލޫމާތު ދެއްވިއެވެ. މިގޮތުން ކޮމިޝަނުގެ ފަރާތުން މިޕްރެސް ކޮންފަރަންސްގައި މަޢުލޫމާތު ދެއްވީ ކޮމިޝަނުގެ ނާއިބު ރައީސް އަމްޖަދު މުޞްޠަފާ، ކޮމިޝަނުގެ މެންބަރު އަޙްމަދު އަކްރަމް އަދި ސެކްރެޓަރީ ޖެނެރަލް އަޙްމަދު އަލީ އެވެ.