Election Commission of Maldives

އޮކްޓޯބަރގައި ޑިމޮކްރެސީ ވީކް ފާހަގަކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި

02 އޮގަސްޓް 2015, 12:00 ޚަބަރު

އޮކްޓޯބަރގައި ޑިމޮކްރެސީ ވީކް ފާހަގަކުރުމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމައިފިއެވެ. މިހަފްތާ ފާހަގަ ކުރުމަށް އިލެކްޝަންސް އިން ނިންމަވާފައިވަނީ ދައުލަތުގެ އެހެނިހެން މުއައްސަސާތަކާއި ގުޅިގެނެވެ. އާންމުކޮށް ހުޅުވާލައިގެން ބޭއްވުމަށް ހަމަޖެހިފައިވާ ކޮމިޝަނުގެ ލޯގޯ ފަރުމާކުރުމުރުމުގެ މުބާރާތުން ހޮވޭ ލޯގޯ މިވީކްގެ ތެރޭގައި އިޢުލާން ކުރުމަށްވަނީ ހަމަޖެހިފައެވެ. އިލެކްޝަންސް ކޮމިޝަންގެ ލޯގޯ ފަރުމާކުރުމަށް އާންމުންނަށް މިހަފްތާތެރޭގައި ހުޅުވާލުމަށްވަނީ ހަމަޖެހިފައެވެ. އެއްވަނައަށްދާ ފަރާތަކަށް 10،000 (ދިހަ ހާސް)ރުފިޔާގެ ފައިސާގެ އިނާމެއްވަނީ ކަނޑައަޅާފައެވެ. ހުށައެޅޭ ލޯގޯތަކުގައި އިންސާފް، މިނިވަންކަން އަދި ހަމަހަމަކަން ދައްކުވައިދޭންޖެހޭނެކަމަށް ކޮމިޝަނުން މަޢުލޫމާތުދެއެވެ.

މީގެ އިތުރުން ރާއްޖޭގައި އަލަށްފަހަގަ ކުރުމަށް ހަމަޖެހިފައިވާ ވޯޓުލާމީހުންގެ ދުވަހާއި އިލެކްޝަންސް ކޮމިޝަނުގެ އަހަރީ ދުވަސް މިޑިމޮކްރެސީ ވީކްގައި އިޢުލާންކުރުމަށްވަނީ ހަމަޖެހިފައެވެ. މިވީކްގައި އެކި އުމުރުފުރާތަކުގެ މީހުނަށް ޚާއްސަކޮށްގެން އެކި ޚަތަކާތްތައް ރޭވިފައިވެއެވެ. މިގޮތުން ބަހުސް، ޕޯސްޓަރ ކުރެހުން، ކުއިޒް އަދި މަޒުމޫނު ލިޔުމުގެ މުބާރާތް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން ބީޗް ސްޕޯޓްސް އެކްޓިވިޓީސް އާއި އާއިލީ ހަވީރެއް ބޭއްވުމަށްވެސްވަނީ ނިންމަވާފައެވެ.

މިއަހަރުގެ ޑިމޮކްރެސީ ވީކް ފާހަގަ ކުރާނީ ނ، ރ، ބ ނުވަތަ ޅ އަތޮޅުގެ ރަށެއްގައި ކަމަށް އިލެކްޝަންސް އިން ނިނަމަވާފައިވާއިރު، އެއީ ކޮންރަށެއްކަން ކޮމިޝަނުން އަދި ހާމަކޮށްފައެއް ނުވެއެވެ.