Election Commission of Maldives

ނޫސް ބަޔާން

29 ޖުލައި 2020, 05:00 ނޫސް ބަޔާން

 

ނޫސް ބަޔާން

8 ޛުލްޙިއްޖާ 1441  - 29 ޖުލައި 2020                                                                    NB/2020/01          

 

 

 

ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި ސިޔާސީ ޕާޓީތަކުން ސިޔާސީ ޙަރަކާތްތައް ހިންގުމަކީ މުހިއްމު ކަމެކެވެ. އެހެން ނަމަވެސް، ސިޔާސީ ޕާޓީތަކުން ބާއްވާ ސިޔާސީ ޙަރަކާތްތައް ބާއްވަންވާނީ ޤާނޫނު ނަންބަރު: 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު)ގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ޤާނޫނުއަސާސީ އާއި ޤާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކުގެ އިމުގެ ތެރެއިންނެވެ.

މި ދުވަސްވަރަކީ ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ބަލިމަޑުކަން ދިވެހިރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ދުވަސްވަރަކަށްވެފައި، މިބައްޔަށް ފައްސިވާ މީހުންގެ ޢަދަދު އިތުރުވެ، މި ބަލިމަޑުކަމުގެ ދެވަނަ ރާޅެއްގެ އަސަރު ބޮޑުވެފައިވާ ދަނޑިވަޅަކަށްވާތީ، ކޮވިޑް-19 އާ ގުޅިގެން ޤާނޫނު ނަންބަރު: 2012/7 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން ނެރެފައިވާ ނަންބަރު: 6/2020 (ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރަށް ދެމެހެއްޓުމަށް އިޢުލާނުކުރާ ޤަރާރު) ން ދިވެހިރާއްޖޭގައި އިޢުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތު 2020 އޯގަސްޓު 07 އަށް ވަނީ އިތުރުކޮށްފައެވެ.

ވީމާ، ސިޔާސީ ޕާޓީތަކުން ބާއްވާ ސިޔާސީ ޙަރަކާތްތައް ބާއްވަންވާނީ ޤާނޫނު ނަންބަރު: 2013/1 (ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނު) އާއި ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެލްތު ޕްރޮޓެކްޝަންސް އެޖެންސީއިން އަންގާފައިވާ އެންގެވުންތަކާ އެއްގޮތަށް ކަމުގައި ދަންނަވަމެވެ.