މޮރިޝަސްގެ އިލެކްޝަން ކޮމިޝަނަރުގެ އޮފީސް އުފެދުނުތާ 60 އަހަރު ފާހަގަކުރުމަށް ބާއްވާ މަހާސިންތާގައި ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުން ބައިވެރިވެއްޖެ!
މޮރިޝަސް ގެ އިލެކްޝަންސް ކޮމިޝަނަރުގެ އޮފީސް (އޯއީސީ) ގެ 60 ވަނަ އަހަރުގެ އަހަރީ ދުވަސް ފާހަގަކުރުމަށް އެއޮފީހުން އިންތިޒާމްކޮށްގެން ޖޫން މަހުގެ 17 އިން 18 އަށް ކުރިއަށް ގެންދާ މަހާސިންތާގައި ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުން ބައިވެރިވެއްޖެއެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މަހާސިންތާގައި ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އަލްއުސްތާޛު އަމްޖަދު މުޞްޠަފާ އަދި ކޮމިޝަންގެ މެންބަރ އަދި ތަރުޖަމާނު، އަޙްމަދު އަކްރަމެވެ.
މި މަހާސިންތާއަކީ، ދިމިގްރާތީ ހަމަތަކާއި އުސޫލުތައް ކުރިއަރުވާ، މިނިވަން ދެފުއް ފެންނަ އިންތިޚާބުތަކެއް އެ ޤައުމުގައި ބާއްވަމުން އަންނަތާ 60 އަހަރު ފުރުމުގެ މުނާސަބަތުގައި އޯއީސީ އިން ބާއްވާ މަހާސިންތާއެކެވެ. މި މަހާސިންތާގެ މައިގަނޑު މަޤްސަދަކީ އިންތިޚާބީ އިދާރާތަކުގެ މަސައްކަތްތަކާއި އިންތިޚާބުތަކާ ގުޅުންހުރި މާހިރުންނާއި ވިލަރެސް ކުރާ އިދާރާތަކުގެ މެންބަރުންގެ ތަޖުރިބާތަކާއި ޚިޔާލުތައް އެއްބަޔަކު އަނެއްބަޔަކާ ހިއްސާކޮށް އިންތިޚާބުތައް ދިމިގްރާދީ ހަމަތަކާއި އަސާސްތަކާ އެއްގޮތަށް ކުރިއަށް ގެންދިއުމެވެ.
ދުނިޔޭގެ އެކި ބައްރުތަކުގެ އިންތިޚާބީ އިދާރާތަކުން ގިނަ ތަޖުރިބާކާރުން ބައިވެރިވެ ވަޑައިގަންނަވާ މި މަހާސިންތާގައި ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަލްއުސްތާޛު އަމްޖަދު މުޞްްޠަފާ ތަޤުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ނާއިބު ރައީސްގެ ވާހަކަފުޅުގައި ކޮމިޝަންތަކާއި ކޮމިޝަނަރުންނަށް ދިމާވާ ސިޔާސީ ފިއްތުންތަކާއި ނުފޫޒުން އެއްކިބާވެ ތިބެ މަސައްކަތްތައް ރާވާ ހިންގާނެ ތަފާތު ގޮތްތކުގެ މައްޗަށް އަލިއަޅުއްވާ ލައްވާނެއެވެ. މިގޮތުން ޤައުމުތަކުގެ ދިމިގްރާދީ ކަންތައްތައް އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތްތަކާއި، ޤާނޫނީ އިމުގެ ތެރެއިން ކެމްޕެއިން ޚަރަދުތައް ކުރުމުގެ އުސޫލުތައް އެކުލަވާލެވޭނެ ގޮތްތަކާއި ގުޅޭގޮތުން ވެސް މި މަހާސިންތާގެ ބައިވެރިން ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.
17 ޖޫން 2019