Election Commission of Maldives


ނ.މަގޫދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި- އިލެކްޝަނާއި ލ.ކަލައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

20 ސެޕްޓެމްބަރު 2022, 12:00 އިއުލާން

 (IUL)38-CA/38/2022/283 :ނަންބަރު

އިޢުލާން

ނ.މަގޫދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި- އިލެކްޝަނާއި ލ.ކަލައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން

ޤާނޫނު ނަންބަރު: 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާގޮތަށް، އަދި 56-6 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާގޮތަށް، ނ.މަގޫދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި- އިލެކްޝަނާއި ލ.ކަލައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިން ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން، 2022 ނޮވެންބަރު 05 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ހަމަޖައްސައިފީމެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް އިންތިޚާބު ކުރަންޖެހޭ މަޤާމްތަކަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުޞަތު، 2022 ސެޕްޓެންބަރު 21 ވާ ބުދަ ދުވަހުގެ 09:00 ން ފެށިގެން،2022 އޮކްޓޫބަރު 06 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް ހުޅުވާލައިފީމެވެ.

(ހ)   ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާގޮތަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލާ މީހެއްގައި އަންނަނިވި ޝަރުޠުތައް ފުރިހަމަ ވާންވާނެއެވެ.

  1. ދިވެހި ރައްޔިތަކަށްވުން.
  2. ބޭރު ޤައުމެއްގެ ރައްޔިތަކަށް ނުވުން.
  3. ބޭރު ޤައުމެއްގެ ރައްޔިތަކު ދިވެހި ރައްޔިތަކަށް ވެފައިވާނަމަ އެމީހަކު ދިވެހި ރައްޔިތަކަށްވުމަށްފަހު 5 (ފަހެއް) އަހަރު ފާއިތުވެފައިވުން.
  4. މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކަށްވުން.
  5. ޢުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން.
  6. ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން.
  7. އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހަކު ކަމުގައިވުން.
  8. އެއްވެސް ޖިނާއީ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެ، ޙުކުމެއް ތަންފީޛުކުރަމުންދާ މީހަކު ކަމުގައި ނުވުން.
  9. ކުޑަކުއްޖަކާމެދު ބަދުއަޚްލާޤީ ޢަމަލެއް ހިންގިކަން ނުވަތަ މީހެއްގެ ޢިއްފަތްތެރިކަން ފޭރިގަތްކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައިނުވުން.
  10. މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެ، އެމީހެއްގެ މައްޗަށް ޙުކުމެއް ކޮށްފައިވާނަމަ، އެ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ 7 (ހަތެއް) އަހަރު ފާއިތުވެފައިވުން ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފުކޮށްދެވުނުތާ 7 (ހަތެއް) އަހަރު ފާއިތުވެފައިވުން.
  11. (9) ވަނަ ނަންބަރާއި (10) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުށްތައް ފިޔަވައި އެހެން ޖިނާއީ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެ، އެމީހެއްގެ މައްޗަށް 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކޮށްފައިވާނަމަ، އެ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ 3 (ތިނެއް) އަހަރު ފާއިތުވެފައިވުން ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފުކޮށްދެވުނުތާ 3 (ތިނެއް) އަހަރު ފާއިތުވެފައިވުން.

  (ށ) ގަވާއިދު ނަންބަރު: 2020/R-7 (އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ގަވާއިދު) ގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާ މީހެއްގައި އަންނަނިވި ޝަރުޠުތައް ފުރިހަމަ ވާންވާނެއެވެ.

  1. ދިވެހި ރައްޔިތަކަށްވުން.
  2. ބޭރު ޤައުމެއްގެ ރައްޔިތަކަށް ނުވުން.
  3. ކުރިމަތިލާ ރަށަށް ނުވަތަ ސިޓީއަށް ނިސްބަތްވާ އަންހެނަކު ކަމުގައިވުން.
  4. ބޭރު ޤައުމެއްގެ ރައްޔިތަކު ދިވެހި ރައްޔިތަކަށް ވެފައިވާނަމަ އެމީހަކު ދިވެހި ރައްޔިތަކަށްވުމަށްފަހު 5 (ފަހެއް) އަހަރު ފާއިތުވެފައިވުން.
  5. މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކަށްވުން.
  6. ޢުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން.
  7. ބުއްދި ހަމައަށް ހުރި މީހަކު ކަމުގައި ވުން.
  8. އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހަކު ކަމުގައި ވުން.
  9. އެއްވެސް ޖިނާއީ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެ، ޙުކުމެއް ތަންފީޛުކުރަމުންދާ މީހަކު ކަމުގައި ނުވުން.
  10. ކުޑަކުއްޖަކާމެދު ބަދުއަޚްލާޤީ ޢަމަލެއް ހިންގިކަން ނުވަތަ މީހެއްގެ ޢިއްފަތްތެރިކަން ފޭރިގަތްކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައިނުވުން.
  11. މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެ، އެމީހެއްގެ މައްޗަށް ޙުކުމެއް ކޮށްފައިވާނަމަ، އެ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ 7 (ހަތެއް) އަހަރު ފާއިތުވެފައިވުން ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފުކޮށްދެވުނުތާ 7 (ހަތެއް) އަހަރު ފާއިތުވެފައިވުން.
  12. (10) ވަނަ ނަންބަރާއި (11) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުށްތައް ފިޔަވައި އެހެން ޖިނާއީ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެ، އެމީހެއްގެ މައްޗަށް 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކޮށްފައިވާނަމަ، އެ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ 3 (ތިނެއް) އަހަރު ފާއިތުވެފައިވުން ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފުކޮށްދެވުނުތާ 3 (ތިނެއް) އަހަރު ފާއިތުވެފައިވުން.

 (ނ)   ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭމީހާ އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭމީހާ، އިންތިޚާބަށް ކުރިމަތިލުމަށް އެދޭއިރު، އަންނަނިވި ލިޔުންތަކާއި ތަކެތި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންވާނެއެވެ.

  1. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ނުވަތަ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމަށް އެދި ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު.
  2. އިންތިޚާބަށް ކުރިމަތިލާ މީހާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފު ފޮޓޯކޮޕީ.
  3. ލޯކަލް ކައުންސިލް އިންތިޚާބަށް އަމިއްލަ ގޮތުން ކުރިމަތިލާނަމަ، ތާއީދު އޮތްކަން ހާމަކުރުމުގެ ގޮތުން، އެމީހަކު ކުރިމަތިލާ އިންތިޚާބީ ދާއިރާގެ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މަދުވެގެން 50 މީހުންގެ ފުރިހަމަ ނަން، ދާއިމީ އެޑްރެސް، އައިޑީ ކާޑު ނަންބަރު، ގުޅޭނެ ނަންބަރު އަދި ސޮއި ހިމެނޭ ލިސްޓާއި އެމީހުންގެ އައިޑީ ކާޑުގެ ދެފުށުގެ ސާފު ކޮޕީ.
  4. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލާ މީހާގެ އިޤުރާރު / އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާ މީހާގެ އިޤުރާރު.
  5. ސިޔާސީ ޕާޓީއެއްގެ ފަރާތުން ކުރިމަތިލާނަމަ، އެމީހަކު ތަމްސީލުކުރާ ސިޔާސީ ޕާޓީއިން އެކަން ކަށަވަރުކޮށްދޭ އެ ސިޔާސީ ޕާޓީގެ ސިއްކަ ޖަހާފައިވާ ޕާޓީގެ ޤަރާރު.
  6. އިންތިޚާބުގައި ތާއީދު ހޯދުމުގެ ގޮތުން ނިޝާން ނުވަތަ ލޯގޯ ބޭނުންކުރާނަމަ ނިޝާން ނުވަތަ ލޯގޯ.
  7. އަމިއްލަގޮތުން ކުރިމަތިލާ ކެންޑިޑޭޓުން ވޯޓު ކަރުދާހުގައި ނިޝާނެއް ނުވަތަ ލޯގޯއެއް ބޭނުންކުރާނަމަ އެ ނިޝާނެއް ނުވަތަ ލޯގޯ.
  8. އިދާރީ ފީގެ ގޮތުގައި ދައްކަންޖެހޭ -/1500 (ފަނަރަ ސަތޭކަ) ރުފިޔާ (ފައިސާ ދައްކާނީ ބަނޑޭރި ޕޯޓަލް ލިންކު https://bandeyripay.finance.gov.mv/ މެދުވެރިކޮށެވެ. މި ޕޯޓަލް މެދުވެރިކޮށް ފައިސާ ދައްކާނެގޮތުގެ މެނުއަލް މި އިޢުލާނުގެ އެޓޭޗްމަންޓެއްގެ ގޮތުގައި ހިމެނިފައިވާނެ)
  9. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ފުރިހަމަކޮށްފައިވާ، އިންތިޚާބަށް ކުރިމަތިލާ މީހާގެ ދަރަނީގެ ރެކޯޑާއި، ކުށުގެ ރެކޯޑް ސާފުކުރި ފޯމު.
  10. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ފުރިހަމަކޮށްފައިވާ، އިންތިޚާބަށް ކުރިމަތިލާ މީހާގެ ކުށުގެ ރެކޯޑް ސާފުކުރި ފޯމު.
  11. ފޮޓޯ/ލޯގޯ/ނިޝާން
  • ކެންޑިޑޭޓުގެ ޕާސްޕޯޓު ސައިޒްގެ ކުލަ ފޮޓޯ (ޕާސްޕޯޓުގެ މިންގަނޑަށް ފެތޭ JPEG/PNG ފޯމެޓުގައި ސޮފްޓް ކޮޕީ)
  • އިންތިޚާބުގައި ނިޝާނެއް ނުވަތަ ލޯގޯއެއް ބޭނުންކުރާނަމަ އެ ނިޝާނެއް ނުވަތަ ލޯގޯ ގެ ސޮފްޓް ކޮޕީ (JPEG/PNG ފޯމެޓުގައި)  
  • އަމިއްލަގޮތުން ކުރިމަތިލާ މީހުން ވޯޓު ކަރުދާހުގައި ނިޝާނެއް ނުވަތަ ލޯގޯއެއް ބޭނުންކުރާނަމަ އެ ނިޝާނެއް ނުވަތަ ލޯގޯ ގެ ސޮފްޓް ކޮޕީ (JPEG/PNG ފޯމެޓުގައި)

އިންތިޚާބަށް ކުރިމަތިލާ މީހާގެ ދަރަނީގެ ރެކޯޑާއި، ކުށުގެ ރެކޯޑަކީ 2022 ސެޕްޓެންބަރު 20 މި ތާރީޚުގެ ފަހުން ސާފުކޮށްފައިވާ ރެކޯޑަކަށް ވާންވާނެއެވެ. ނ.މަގޫދޫ ކައުންސިލްގެ އަންހެން މެންބަރުގެ މަޤާމަށް ކުރިމަތިލެވޭނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤަވާއިދުގެ 14 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތަށް އަންހެނުންނަށް އެކަންޏެވެ. ނ.މަގޫދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި- އިލެކްޝަނާއި ލ.ކަލައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2022 ސެޕްޓެންބަރު 21 ވާ ބުދަ ދުވަހުގެ 09:00 ން ފެށިގެން، 2022 އޮކްޓޫބަރު 06 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް އީމެއިލް މެދުވެރިކޮށެވެ. އިންތިޚާބަށް ކުރިމަތުލިމަށް އެދޭ ފޯމު މެއިލްކުރާނީ މި ކޮމިޝަނުގެ [email protected] މެއިލަށެވެ. އަދި އިންތިޚާބަށް ކުރިމަތިލުމަށް ހުށަހެޅި ހުށަހެޅުމާމެދު ނިންމިގޮތާއި ކެންޑިޑޭޓުންނަށް އަންގަންޖެހޭ އެންގުންތައް އިލެކްޝަންސް ކޮމިޝަނުން އަންގާނީ އެޕްލިކޭޝަން ފޯމުގައި އެފަދަ އެންގުންތައް ފޮނުވުމަށް ކެންޑިޑޭޓުން ބަޔާންކޮށްފައިވާ މެއިލަށެވެ. ނ.މަގޫދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނާއި ލ.ކަލައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، 2022 ނޮވެންބަރު 05 ވާ ހޮނިހިރު ދުވަހުގެ 8:00 އިން 16:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 (ތިރީސް) މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ 2022 ނޮވެންބަރު 06 ވާ އާދީއްތަ ދުވަހުގައެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު މިކޮމިޝަންގެ ވެބްސައިޓް www.elections.gov.mv އިން ލިބޭނެ ވާހަކަ ދެންނެވީމެވެ.

20 ސެޕްޓެންބަރު 2022