|
ސިޔާސީ ޕާޓީތަކާއި މިކޮމިޝަނާ ދެމެދު ބާއްވަމުން ގެންދާ ސިލްސިލާ ބައްދަލުވުންތަކުގެ ހަ ވަނަ ބައްދަލުވުން މިއަދު މިކޮމިޝަނުގެ ޖަލްސާކުރާ މާލަމުގައި ވަނީ ބޭއްވިފައެވެ. މިގޮތުން މިއަދުު ބައްދަލުކުރީ ދިވެހިރައްޔިތުންގެ ޕާޓީގެ ބޭފުޅުންނާއެވެ. ފެބްރުއަރީ 7 ވަނަ ދުވަހު ފެށި މިސިލްސިލާގެ ދަށުން މިހާހިސާބަށް ޤައުމީ އިއްތިހާދާއި، ޖުމްހޫރީ ޕާޓީއާއި، މޯލްޑިވިއަން ލޭބަރ ޕާޓީއާއި، ޕީޕަލްސް ޕާޓީ އަދި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއާ ވަނީ ބައްދަލުކުރެވިފައެވެ. ދެން މިސިލްސިލާގެ ބައްދަލުވުމެއް އޮންނާނީ މިހަފްތާގެ އަންގާރަ ދުވަހުއެވެ. އެދުވަހު ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ޕީޕަލްސް އެލަޔަންސްއާއެވެ.
މިބައްދަލުވުންތަކުގެ މަޤްޞަދަކީ ސިޔާސީ ޕާޓީތައް ހިންގުމުގައި ޕާޓީތަކަށް ދިމާވާ ދަތިތަކާއި، ކުރިމަތިވެފައިވާ ގޮންޖެހުންތަކަކީ ކޮބައިކަން ދެނެގަނެ، ޕާޓީތަކާއި އިލެކްޝަންސް ކޮމިޝަނާ ގުޅިގެން ޤައުމަށް އެންމެ ފައިދާބޮޑު ގޮތަކަށް ސިޔާސީޕާޓީތަކަށް ޙަރަކާތްތެރިވެވޭނެ ގޮތްތަކަކީ ކޮބައިކަން ދެނެގަތުމެވެ. މި ސިލްސިލާ ބައްދަލުވުންތައް 24 ފެބްރުއަރީއާ ހަމަޔަށް ދެމިގެންދާނެއެވެ.
|