|
"އެއްބައިވަންތަކަމުގެ ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދެވުމަށްޓަކައި ބޭނުންވެ ލައްވާ ސޮއި ހޯއްދެވުމަށާއި، ކުރައްވަންޖެހިވަޑައިގަންނަވާ އެހެނިހެން ކަންތައްތައް ކުރެއްވުމަށް 2008 އޮކްޓޯބަރ 13 ވީ ހޯމަ ދުވަހު އިލެކްޝަންސް ކޮމިޝަނުން އެޕާޓީއަށް ދީފައިވާ ހުއްދަ 2009 ނޮވެމްބަރ 09 ވީ ހޯމަ ދުވަހު ބާޠިލްކޮށް އެޕާޓީއާ ގުޅޭގޮތުން ވަގުތީގޮތުން މުޢާމަލާތު ކުރަންޖެހޭ ފަރާތްކަމުގައިވާ މ.ކުދިރަތްމާގޭ ޢަލީ ޙަސަންއަށް އިލެކްޝަންސް ކޮމިޝަނުން އެކަން އަންގައިފައިވަނީ 2009 ނޮވެމްބަރ 15 ވީ އާދިއްތަ ދުވަހުއެވެ.
"އެއްބައިވަންތަކަމުގެ ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދެވުމަށްޓަކައި ދީފައިވާ ހުއްދަ ބާޠިލްކޮށްފައިވަނީ "ސިޔާސީ ޕާޓީގެ ގަވާއިދު 2005 " ގެ 7 ވަނަ މާއްދާގައިވާގޮތުގެ މަތިން ސިޔާސީ ޕާޓިއެއް އުފެއްދެވުމަށްޓަކައި 3000 މީހުންގެ ސޮއި ހުށަހެޅުއްވުމަށް އެރުވިފައިވާ 9 މަސްދުވަހުގެ މުއްދަތުގެ ތެރޭގައި މިއޮފީހަށް 3000 މީހުންގެ ސޮއި ހުށަހަޅުއްވައިފައި ނުވާތީއެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީއެއް އުފެއްދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމުގެ ހުއްދަ މިއަހަރުގެ މިހާތަނަށް ދީފައިވާ 4 ހުއްދައިގެ ތެރެއިން 3 ހުއްދަވަނީ ބާޠިލުކޮށްފައެވެ.
|