ދިވެހިރާއްޖޭގައި ސިޔާސީޕާޓީތައް އުފެދުން
ދިވެހިރާއްޖޭގެ ތާރީޚުގައި އެންމެ ފުރަތަމަ ސިޔާސީ ޕާޓީ އެއް އުފެދުނު ކަމަށް ބުނެވިފައިވަނީ 23 ސެޕްޓެންބަރ 1951 ވި އާދީއްތަ ދުވަހު އެވެ. މިއީ މުތަޤައްދިމް ޕާޓީ ގެ ނަމުން ނަންދެވިފައިވާ، އަލްއަމީރު މުޙަންމަދު އަމީން ދީދީ ޒަޢީމަކަށް ހުންނަވައިގެން އުފައްދަވާފައިވާ ޕާޓީ އެކެވެ. ސިޔާސީ މައިދާނުގައި މިޕާޓީއާ ވާދަ ކުރާނެ އެހެން ޕާޓީއެއްނެތުމާއި އެކު، އަދި ދީމުޤްރާޠީ އުޞޫލުތަކާ އެއްގޮތް ވާގޮތުގެ މަތިން ގިނަޕާޓީތަކުން ވާދަކޮށްގެން ވެރިކަން ކުރުމުގެ ވެއްޓެއްވެސް ދިވެހިރާއްޖޭގައި އެއިރު ނެތުމާއި އެކު، މިޕާޓީ އަކީ ހަމަ އެކަނި އަލްއަމީރު މުޙަންމަދު އަމީން ދީދީ ވެރިކަން ކުރެއްވި ދުވަސްވަރު އޮތް ޕާޓީ އެކެވެ. އޭގެފަހުން ބައި ޤަރުނު ފާއިތުވެ ދިޔައިރުވެސް ސިޔާސީ ޕާޓީ އެއް ދިވެހިރާއްޖޭގައި އުފެދިފައެއް ނުވެއެވެ. މިދިގު މުއްދަތަށް ފަހު ސިޔާސި ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެށިފައި ވަނީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓި ޕާޓީގެ ނަމުގައި ޕާޓީއެއް ރަޖިސްޓަރީ ކޮށްދިނުމަށް އެދި، ރަސްމީ ސިފައެއްގައި ދިވެހިންގެ ތެރެއިން ކަމުވޮށިވެގެންވާ 42 ފަރާތެއްގެ ސޮއި ހިމެނޭ ޕެޓިޝަނެއް، 19 މާޗް 2001 ގައި މިނިސްޓްރީ އޮފް ހޯމްއެފެއާޒަށް ހުށަހެޅުމާ ވިދިގެންނެވެ. ނަމަވެސް ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ސިޔާސީ ޕާޓިތައް އުފެއްދުމަށް ތަން ނުދޭކަމަށް އެއިރުގެ ބަންޑާރަ ނައިބު ޑރ. މުޙައްމަދު މުނައްވަރު ދެއްވި ލަފަޔާ އެއްގޮތްވާ ގޮތުގެ މަތިން، ސަރުކާރުންވަނީ އެހުށަހެޅުން ބަލައިނުގަނެފައެވެ.
ސިޔާސީ ޕާޓީތައް އުފެއްދުމަށް އެދުވަސްވަރު ކުރެވުނު ގިނަ މަސައްކަތްތަކެއްގެ ނަތީޖާއެއްގެ ގޮތުން، އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހެޅި، އެކަމާ ބެހޭ ގޮތުން އެ މަޖިލީހުގައި މެންބަރުން ވާހަކަފުޅު ދައްކަވައި، ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީ އުފައްދައި ހިންގުމަކީ ފެނިވަޑައިގަންނަވާ ކަމެއް ނޫންކަމަށް، 17 ޖޫން 2001 ވި އާދީއްތަ ދުވަހު، އެ މަޖިލީހުގެ 43 ވޯޓުގެ އަޣްލަބިއްޔަތުން ނިންމަވައި، ސަރުކާރަށް ލަފާ ދެއްވި އެވެ. ނަމަވެސް ސިޔާސީ ޕާޓީ އުފައްދައި ހިންގުމަކީ ބޭނުންތެރި ކަމެއްކަމަށް ފެނިގެން އެކަމަށް މަސައްކަތްކުރި މީހުންގެ މަސައްކަތަށް ހުއްޓުމެއް އައިސްފައެއް ނުވެއެވެ.
2003 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ރާއްޖޭގެ ސިޔާސީ މަސްރަޙަށް ބޮޑެތި ބަދަލުތަކެއް އަންނަން ފެށިއެވެ. އެ ބަދަލުތަކާ ވިދިގެން، އަދި 2004 ވަނަ އަހަރުގެ ޖޫން މަހުގެ 9 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ރާއްޖޭގެ ރައްޔިތުންނާ މުޚާތަބުކުރައްވައި ދެއްވި ތަޤްރީރުގައި، ރާއްޖޭގެ ސިޔާސީ ވެއްޓަށް ގެންނަން ފެންނަ ހެޔޮ ބަދަލެއްގެ ގޮތުގައި، ގިނަޕާޓީތައް އެކުލެވޭ ދީމުޤްރާޠީ ނިޒާމެއް ޤާއިމު ކުރުމުގެ ތަޞައްވުރެއް އާޢްމުންނާ ޙިއްސާ ކުރެއްވިއެވެ. އަދި ސަރުކާރުގެ އެދިވަޑައިގަތުމުގެ މަތިން އ.ދ.ގެ ތަރައްޤީއާ ބެހޭ ޕްރޮގްރާމްގެ އެހީގައި، ވަކި ފަރާތަކަށް ނުޖެހި، ބައިނަލްއަޤްވާމީ ގޮތުން ދުނިޔޭގެ އެކި ކަންކޮޅުގައި ޑިމޮކްރެސީ ކުރިއެރުވުމަށް މަސައްކަތް ކުރަމުންދާ އެމެރިކާގެ ޖަމްޢިއްޔާއެއް ކަމުގައިވާ ނެޝަނަލް ޑިމޮކްރެޓިކް އިންސްޓިޓިއުޓުން ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފައްދައި ތަރައްޤީކުރުމަށް ހުރި ފުރުޞަތުތަކާއި، ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވާލައި 2004 ވަނަ އަހަރުގެ ޑިސެމްބަރު ގައި އެކުލަވާލި މިނިވަން ދިރާސާގައި، ޤާނޫނީ ޙައިޘިއްޔަތެއް ނެތި ސިޔާސީ ޕާޓީތައް، ނުވަތަ ގްރޫޕްތައް ރާއްޖޭގައި ހަރަކާތްތެރި ވަމުންދާތީ، ޤާނޫނީ އޮނިގަޑެއްގެ ތެރެއިން ސިޔާސީ ޕާޓީތައް އުފެއްދުމުގެ ފުރުޞަތު ފަހިކޮށް ދިނުމަށް ލަފާ އަރުވާފައި ވެއެވެ. އަދި 2005 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައި އެއިރުގެ ބަންޑާރަ ނައިބު ޑރ. ޙަސަން ސަޢީދު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ، ސިޔާސީ ޕާޓީތައް އުފެއްދުމަށް ހުރަސްނާޅާކަމަށް ރައީސުލް ޖުމްހޫރިއްޔާއަށް ދެއްވި ލަފަޔާ ގުޅިގެން، ސިޔާސީ ޕާޓީތައް އުފެއްދުގެ ދޮރުހުޅުވި، އެ އުއްމީދުތައް ދިވެހިނަށް ލިބިގެން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން، ރާއްޖޭގައި ސިޔާސީ ޕާޓީ އުފައްދައި ހިންގުމާބެހޭ މައްސަލަ ދެވަނަ ފަހަރަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހެޅުނެވެ. އަދި 2 ޖޫން 2005 ވި ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެކަމާބެހޭގޮތުން މެންބަރުން ވާހަކަފުޅު ދައްކަވައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ދިވެހިރައްޔިތުންނަށް، ޖަމާޢަތްތަކާއި ޖަމްޢިއްޔާތައް ހެދުމަށް ލިބިދޭ މިނިވަންކަމުގެ ތެރޭގައި، ސިޔާސީ ޕާޓީ އުފައްދައި ހިންގުމަށް ފުރުޞަތު ދިނުމަކީ، ރައްޔިތުންގެ މަޖިލީހަށް ފެނިވަޑައި ގަންނަވާ ކަމެއް ކަމުގައި، ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވި 46 މެންބަރުންގެ އިއްތިފާޤުން ފާސް ކުރައްވައި، ސަރުކާރަށް ލަފާދެއްވި އެވެ.
މިދެންނެވި ލަފަޔާ ގުޅިގެން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރުގެ މަތިން ، ސިޔާސީ ޕާޓީތައް އުފައްދައި ހިންގުމަށް މަގުފަހިކޮށްދޭ ޤަރާރެއް 2005 ވަނައަހަރުގެ ޖޫންމަހުގެ ހަތަރުވަނަ ދުވަހު ނެރުއްވައި، އެޤަރާރުގެ ބައެއްގެ ގޮތުގައި"ސިޔާސީ ޕާޓީގެ ގަވާއިދު 2005" ހިމަނުއްވައި، އެ ގަވާއިދު ހިންގުން މިނިސްޓަރ އޮފް ހޯމްއެފެއާޒާ ރައީސުލްޖުމްހޫރިއްޔާ ޙަވާލު ކުރެއްވިއެވެ.
ދިވެހި ރައްޔިތުންނަށް ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީ އުފައްދައި ހިންގުމުގެ ފުރުޞަތު ލިބުމާ ގުޅިގެން 5 ޖޫން 2005 ވި އާދީއްތަ ދުވަހު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ގެ ނަމުގައި، ސިޔާސީ ޕާޓީއެއް އުފެއްދުމަށް ޝައުޤު ވެރިވާކަން ބަޔާންކޮށް،"ސިޔާސީޕާޓީގެ ގަވާއިދު 2005" ގެ ޖަދުވަލު 1 ގައިވާ ފޯމު ފުރިހަމަކޮށް 105 މީހުން މިނިސްޓްރީ އޮފް ހޯމްއެފެއާޒަށް ހުށަހެޅިއެވެ. ހަމަ އެދުވަހު ދިވެހިރައްޔިތުންގެ ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް 229 މީހުންނާއި، މޯލްޑިވްސް ލޭބަރ ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް 55 މީހުންނާއި، އިސްލާމިކް ޑިމޮކްރެޓިކް ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް 64 މީހުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒަށް ފޯމު ހުށަހަޅައިފައި ވެއެވެ. އަދި 8 ޖޫން 2005 ވި ބުދަ ދުވަހު އަދާލަތް ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް 50 މީހުން ފޯމު ހުށަހެޅި އެވެ. އަދި މީގެ އިތުރުން ސިޔާސީ ޕާޓީތަކާ ބެހޭ ކަންތައް ބެލެހެއްޓުން 2005 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 23 ވަނަ ދުވަހު ކޮމިޝަނަރ އޮފް އިލެކްޝަންސާ ރައީސުލްޖުމްހޫރިއްޔާ ހަވާލު ކުރެއްވުމަށްފަހު ވެސް ސިޔާސީޕާޓީތައް އުފެއްދުމަށް ކޮމިޝަނަރ އޮފް އިލެކްޝަންސްގެ އޮފީހަށް އެކި ފަރާތްތަކުން ފޯމު ހުށަހަޅަމުން ގެންގޮސްފައި ވެއެވެ.
ސިޔާސީ ޕާޓީ އެއް ރަޖިސްޓަރީ ކުރުމަށް ބޭނުންވާ ކަންކަން ފުރިހަމަ ކުރުމުން، އެންމެ ފުރަތަމަ ސިޔާސީ ޕާޓީގެ ދަފްތަރުގައި ރަޖިސްޓަރީ ކުރެވުނީ ގ.ކެނެރީގެ އަލްފާޟިލް މުޙަންމަދު ނަޝީދު އިސްކޮށް ހުންނަވައިގެން ރަޖިސްޓަރީ ކުރެއްވުމަށް ހުށަހެޅުއްވި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އެވެ. މިޕާޓީ ރަޖިސްޓަރީ ކޮށްދެއްވައިފައި ވަނީ 26 ޖޫން 2005 ވި އާދީއްތަ ދުވަހު އެވެ. އޭގެފަހުން؛
21 ޖުލައި 2005 ވިބުރާސްފަތިދުވަހުދިވެހިރައްޔިތުންގެޕާޓީ،
18 އޯގަސްޓް 2005 ވި ބުރާސްފަތި ދުވަހު އަދާލަތް ޕާޓީ،
12 ޑިސެންބަރު 2005 ވި ހޯމަ ދުވަހު އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ،
25 ޑިސެންބަރު 2006 ވި ހޯމަ ދުވަހު މޯލްޑިވިއަން ސޯޝަލް ޑިމޮކްރެޓިކް ޕާޓީ،
26 ޑިސެންބަރު 2007 ވި ބުދަ ދުވަހު ޕީޕަލްސް ޕާޓީ އާއި މޯލްޑިވިއަން ނެޝަނަލް ކޮންގްރެސް،
2 ޑިސެންބަރު 2007 ވި އާދީއްތަ ދުވަހު ސޯޝަލް ލިބަރަލް ޕާޓީ،
3 އޯގަސްޓް 2008 ވި އާދީއްތަ ދުވަހު ޖުމްހޫރީ ޕާޓީ އާއި ޕީޕަލްސް އެލަޔަންސް،
4 ސެޕްޓެންބަރު 2008 ވި ބުރާސްފަތި ދުވަހު ދިވެހިރާއްޖެއިން ފަޤީރުކަން ނައްތާލުމަށް މަސައްކަތްކުރާ ޕާޓީ އާއި ޤައުމީ އިއްތިހާދު، އަދި؛
27 ޖެނުއަރީ 2009 ވި އަންގާރަ ދުވަހު ދިވެހި ޤައުމީޕާޓީ، ސިޔާސީޕާޓީގެ ދަފްތަރުގައި ރަޖިސްޓަރީ ކުރެވުނެވެ.